ސްކޫލްތަކުގައި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށެއްހުރިކަން ފާހަގަވާނަމަ، އެކަން ހިއްސާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހޭ ބަޔަކީ އިސްލާމިކް މިނިސްޓްރީ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގައި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށެއްހުރިކަން ފާހަގަވާނަމަ، އެކަން ހިއްސާކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް ހުޅުވާލުމުން، އިސްލާމިކް މިނިސްޓްރީން މިކަމުގައި ޒިންމާ ނަންގަވައި، ޚާއްސަ އިސްކަމެއް ދެއްވައިގެން އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ކުށެއް އޮތްތޯ ބަލައި އެކަން ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި މިއީ ކޮންމެހެންވެސް އަވަސް ގޮތަކަށް ހައްލު ހޯދަންޖެހޭ ކަމެއްކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.
ދަރިވަރުންގެ އިސްލާމާއި ގުރުއާން ފޮތުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން އަންގަން އެދިފައިވާއިރު، މިކަމުގައި އިސްލާމިކް މިނިސްޓްރީން ޒިންމާ ނަންގަވައިގެން މިކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކަން ކުރެއްވުން ވަރަށް މުހިއްމުކަމަށް ދެކެން.
– ނާޒިމް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކާ ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ޕްރޫފް ރީޑްކުރުމުގެ މަސައްކަތް ފަށާފައެވެ.
ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް އާންމުންގެ ސަމާލުކަމަށް ގިނަ ބަޔަކު ގެނައުމައި ގުޅިގެން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންމިނިސްޓަރު ވިދާޅުވީ ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށެވެ. އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލިބެލިމުން 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ހުރިހާ ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއުކުރުމުގެ މަސައްކަތް، މިނިވަން ފަންނީ ކޮމިޓީއަކާ ހަވާލުކޮށްގެން މިހާރު ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ޓީމްތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ