މޯލްޑިވިއަންގެ މެނޭޖްމަންޓުގައި ތިއްބެވި ވެރިންނަށް ރައީސުލްޖުމްހުރިއްޔާއަށްވުރެ ބޮޑު މުސާރަ ލިބިގެންދާއިރު، ފުރާނަ އަތްމައްޗަށް ލައިގެން ކޮންމެ ދުވަހު ފްލައިޓް ދުއްވާ ޕައިލެޓުންނަށް ދޭނެ އެއްޗެއް ކުންފުނީގައި ނެތުމަކީ ލަދުވެތި ކަމެއްކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ މޯލްޑިވިއަންގެ މިއަދުގެ ހާލަތާއިމެދު ދިވެހި ހުރިހާ ރައްޔިތުން ނުހަނު ކަންބޮޑުވާކަމަށެވެ. ކޮންމެ ދުވަހަކު ދިވެހި އެތައް ރައްޔިތުންނަކާއި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދޭންތިބި މޯލްޑިވިއަންގެ މުވައްޒިފުންނަށް ހައްގުވާ މިންވަރު ނުދީ އަމިއްލަ ޖީބު ބޮޑުކުރުމަކީ މޯލްޑިވިއަންގެ މުވައްޒިފުން ބަލަންތިބޭނެ ކަމެއްނޫންކަމަށެވެ.
މިއަދު ކުންފުނީގެ މެނޭޖްމަންޓާއިމެދު އެތައް މުވައްޒިފުން ހިތްހަމަ ނުޖެހި ކުންފުނިން ވަކިވެގެންދާއިރުވެސް ވެރިންނަށް އިހުސާސްކުރެވޭ ހަމަ އެއްކަމެއްވެސް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންސާފުގެ ވާހަކަ ދައްކަން މިސަރުކާރުން މިއަދު ލަދު ގަންނަންޖެހޭކަމަށެވެ. ދިވެހި އެތައް ރައްޔިތަކަށް އިންސާފުން ބޭރުން ކަންކަންކޮށް ބަނޑުފުރާ މުއްތިކުރަން އަދާކުރާ ވަޒީފާއިން ލިބެންޖެހޭ ހައްގު މިންވަރު ނުދެވޭ ބަޔަކަށް ހޯދައިދެވޭނެ އިންސާފެއް ނެތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މުސާރަ ބޮޑު ކުންފުނީގެ ވެރިންގެ. ފުރާނަ އަތްމައްޗަށް ލައިގެން އުޅޭ ޕައިލެޓުންނަށް ދޭނެ އެއްޗެއް ކުންފުނީގައި ނެތް. މިއީ ނުހަނު ހިތާމަކުރިކަމެއް.
– ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު މިހެން ކަންކަންވަނީ އެއްވެސް ތަޖުރިބާއެއްނެތް ނާޤާބިލް މީހުން ކުންފުނިތަކަށާއި، މަޤާމުތަކަށް އައްޔަން ކުރުމުންކަމަށެވެ. އެމީހުންގެ ހަމައެކަނި މަސައްކަތަކީ އަމިއްލަ ޖީބު ބޮޑުކުރުންކަމަށާއި، މުވައްޒިފުންނަށް އެއްވެސް ހެޔޮ ގޮތެއް ހޯދައި ނުދެވޭނެކަމަށެވެ.
ޝުޖާ ވިދާޅުވީ އިންސާފު ހޯދަން މިއަދު ދިވެހިން ކުރަންޖެހޭ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށެވެ. މާދަމަ އިދިކޮޅުން މަގުތަކަށް ނިކުމެ ކުރާ އިހުތިޖާޖަކީ ހަމައެކަނި ރައީސް ޔާމީނާއި، ފަނޑިޔާރުގެއަށް އިންސާފު ހޯދަން ކުރާ އިހުތިޖާޖެއް ނޫންކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ތެރެއިން ހައްގު ގެއްލިފައިވާ އެންމެހާ ރައްޔިތުންނަށް އިންސާފު ހޯދުމަށް ބޭއްވޭ އިހުތިޖާޖެއްކަމަށެވެ.
ކޮމެންޓު ފޮނުވާ