ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީގެ ރިޔާސީ ޓިކެޓްގައި ރައީސް ނަޝީދު އަދި ރަނިން މޭޓަކަށް ރައީސް ޞާލިހު ނިކުންނެވިޔަސް ބަލިކުރާނެކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް އަދި ހާމަކުރައްވާފައި ނުވެއެވެ. އެމްޑީޕީގެ ޓިކެޓަށް ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ކުރިއަށް އޮތް ޤައުމީ މަޖިލިސްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ރައީސް ނަޝީދު ވަނީ މި އިންތިޚާބުން ބަލި ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
މަލީހު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރެންޖެހޭކަމަށެވެ. ބޭނުންވަނީވެސް އެމްޑީޕީގެ ޓިކެޓްގައި ރައީސް ޞާލިހާއި، ރައީސް ނަޝީދު ވާދަކޮށް ބަލި ކުރުންކަމަށާއި، ޕީޕީއެމްއިން ތިބީ އެކަން ކުރަން ތައްޔާރަށް ކަމަށެވެ.
ހިތްވަރު ހުރިއްޔާ އެމްޑީޕީއިން އެބަޖެހޭ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންގ މޭޓެއް ނެރެން. ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް އަދި ރައީސް އިބްރާހީމް މުހައްދު ސޯލިހް ރަނިންގ މޭޓަކަށް 2023ގައި ނެރެންވީ ނޫންތޯ? ޕީޕީއެމް ޖެހިލުމެއް ނުވާނެ.
– މަލީހު ވިދާޅުވިއެވެ
އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަބަދުވެސް ޕްރައިމަރީއަކުން ލިނޭނެ ޓިކެޓެއް ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޓިކެޓް ދޫކޮށް ލެއްވުމުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ބޭއްވި ޕްރެސްގައި ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހު ( އިބޫ )އަށް ދޭން ނިންމައިފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހު އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ. މިހާރުގެ ރައީސް ޞާލިހަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ