ޤާނޫނު ހަދާފަ ދިނަސް ކޯލިޝަން ބައިވެރިން އެތަންފީޒު ނުކުރާނެ، އެއީ ވާދަވެރިން: ބޮންޑޭ

ޤާނޫނު ހަދާފަ ދިނަސް ކޯލިޝަން ބައިވެރިން އެތަންފީޒު ނުކުރާނެ، އެއީ ވާދަވެރިން: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 12:43
0

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގައި އޮވެ ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ހެދި ކަމުގައި ވީނަމަވެސް ޤާނޫނުތައް ތަންފީޒު ކުރުމަށް މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަސައްކަތް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑރއ.ޢަބްދުﷲ ފައިރޫޝްގެ ރިޓަޔަރ މެންޓާއި ގުޅިގެން 241 ކޮމެޓީން އެކުލަވާލި ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިއަދު ވެރިކަން ކުރާ ކޯލިޝަންގެ އިސް ބޭފުޅުންކީ ބަޣާވާތުގެ މޭސްތިރިން ކަމަށެވެ. އެބޭފުޅުން ފުރަތަމަވެސް ކުރަންވީ ކަމަކީ ރައްޔިތުންގެ ކިބައި މަޢާފަށް އެދުންކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މިކަން ކަމަށް އޮތް ހައްލަކީ ބަރުލަމާނީ ނިޒާމު ގެނައުންކަމަށެވެ. މަޖިލީހުގައި ކިތަންމެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް އޮތް ނަމަވެސް އަދި މަޖިލީހުން ކިތަންމެ ރަނގަޅު ޤާނޫނުތަކެއް ހެދި ނަމަވެސް، އެކަން ތަންފީޒު ނުކުރާނަމަ ނިކުންނާނެ ނަތީޖާއެއް ނެތްކަމަށެވެ. ތަންފީޒު ކުރަންތިބީ އެމްޑީޕީއާއި އެންމެ ވާދަވެރި ޕާޓީތަކުގެ ވަޒީރުންނަށް ވާއިރު، އެބޭފުޅުން އެކަން ނުކުރައްވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ނިކަން ބައްލަވާ އަޅުގަނޑުމެން ޤާނޫނު ހަދަން މިތިބީ، އެހެން ނަމަވެސް އެންމެބޮޑު ވުޒާރާ ޓުވަރިޒަމް މިނިސްޓްރީ އޮތީ ޤާސިމްގެ ބެއްލެވުމުގެ ދަށުގައި. ފިޝަރީޒް ޤާސިމްގެ ބެއްލެވުމުގެ ދަށުގައި. ކޮންކަމެއްތޯ އަޅުގަނޑުމެން ޤާނޫނު ހެދީމާ ތަންފީޒު ކުރަނީ. ހޯމް މިނިސްޓްރީ އޮތީ އަދާލަތު ޕާޓީގެ ދަށުގައި. ހަޔާ އެޑިއުކޭޝަން މައުމޫންގެ އަތްޕުޅުގައި. އަޅުގަނޑުމެން ޤާނޫނު މިހަދަނީ އެމްޑީޕީން. އެމްޑީޕީގެ 70 ޕަސެންޓް މެޖޯރިޓީ އެބައޮތް. އެހެން ނަމަވެސް ޤާނޫނު ހަދާފަ ތަންފީޒު ކުރަން މިބުނަނީ ޤާސިމް ކައިރީގައި، އިމްރާން ކައިރީގައި، މައުމޫން ކައިރީގައި، އެމީހުން އަޅުގަނޑުމެންނަކަށް ޤާނޫނު ތަންފީޒު ކޮށްދޭނެތޯ؟ ނުކޮށްދޭނެ.

– ބޮންޑޭ ވިދާޅިވިއެވެ.

އޭނާ ވިދާޅުވީ އެބޭފުޅުންނަކީ ވާދަވެރިންކަން އެމްޑީޕީން ގަބޫލު ކުރަންޖެހޭ ކަމަށާއި، މިނިޒާމުގެ ތެރެއިން ވަޒީރުން ޖަވާބުދާރީ ކުރުވައި، ވަޒީރުން ހަމަ މަގަށް އެޅުވޭނެ ގޮތެއް ނެތްކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ކުރަންޖެހޭ ކަމަކީ ޤާނޫނު އަސާސީގައި ޔުނިޓަރީ އޮތް ތަނުގައި ފެޑެރަލް ލިޔުންކަމަށެވެ. އެކަން ނުކޮށް ރައްޔިތުން ބާރުވެރި ނުވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.