ފަލަސްތީނުގެ މުޖާހިދުންތަކެއް އިސްރާއީލުގެ ޖަލަކުން ފިލައިފި

ފަލަސްތީނުގެ މުޖާހިދުންތަކެއް އިސްރާއީލުގެ ޖަލަކުން ފިލައިފި

Author
ހުސެއިން
06 ސެޕްޓެމްބަރ 2021 05:36
0

އިސްރާއީލުން ޖަލަށް ލާފައިވާ ފަލަސްތީނުގެ މުޖާހިދުންތަކެއް، ހޯމަދުވަހުގެ ހެދުނުގެ ވަގުތެއްގައި ޖަލުން ފިލައިފިއެވެ. އިސްރާއީލުން ހާމަ ކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ 6 މުޖާހިދަކު އިސްރާއީލުގެ ގިލްބޯއާ ޖަލުން ފިލާފައިވާތީ މި 6 މުޖާހިދުން ހޯދުމަށް މިހާރު އިސްރާއީލުން ގެންދަނީ ވަރުގަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

އިސްރާއީލުގައި އޮންނަ ގަލިލީ ކަނޑާއި އަދި ވެސްޓް ބޭންކުގެ ޓައުނެއް ކަމުގައިވާ ޖެނީންއާއި ދެމެދު ހުނަން ގިލްބޯއާ ޖަލުން ފަލަސްތީނުގެ މުޖާހިދުން ފިލާފައިވަނީ، ޓަނެލްއެއްގެ ތެރެއިން ލާފައިކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ފަލަސްތީނުގެ މުޖާހިދުން ޖަލުން ފިލުމަށް ބޭނުން ކުރި ޓަނެލްއަށް ވަނުމަށް ބޭނުންކުރި ބާގަޑުގެ ފޮޓޯތައް ފަލަސްތީނުގެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އިސްރާއީލިގެ މީޑިއާތަކުންވެސް ބުނެފައިވަނީ މުޖާހިދުން ޖަލުން ފިލުމަށް ބޭނުން ކޮށްފައިވަނީ މި ޓަނެލް ކަމުގައެވެ. އެހެންނަމަވެސް، އިސްރާއީލުގެ ޕޮލިހުންގެ ފަރާތުން އަދި މިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

މުޖާހިދުން ހައްޔަރު ކޮށްފައިތިބި ޖަލު

ފަލަސްތީނުގެ ޕްރިޒަނަރ ސަޕޯޓު ގުރޫޕުން ހާމަ ކޮށްފައިވާ ގޮތުގައި، މި ޖަލުން ފިލާފައިވާ 6 މުޖާހިދުންގެ ތެރެއިން އެކަކީ، ފަލަސްތީނުގެ ސިޔާސީ ޖަމާއަތެއްކަމުގައި ވާ ފަތަޙަ ޖަމާއަތުގެ ކޮމާންޑަރެއްކަމުގައިވާ ޒަކަރިއާ ޒުބެއިދީއެވެ. އަނެއް 5 މުޖާހިދުންނަކީ، ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މުޖާހިދުން ކަމުގައިވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޖާހިދުން ޖަލުން ފިލުމަކީ، ޝުކުރު ޙައްގު ކަމެއްކަމަށާއި އަދި މިއީ "އިސްރާއީލުގެ އަސްކަރިއްޔާއަށާއި އަދި މުޅި އިސްރާއީލުގެ ސިސްޓަމަށްވެސް ދެވުނު ރަގަޅު ފިލާވަޅެއް" ކަމުގައެވެ.

އިސްރާއީލުން ބުނެފައިވަނީ، އެގައުމުގެ އިންޓެލިޖެންސްއިން އެހީތެރިވެދީގެން، ޖަލުން ފިލި މުޖާހިދުން ހޯދުމަށްޓަކާ މިހާރު ވަރަށް ބޮޑު ޕޮލިސް އޮޕަރޭޝަނެއް ކުރިޔަށް ދާކަމުގައެވެ. އަދި އިސްރާއީލުގެ ޕޮލިހުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ޑްރޯންއާއި ހެލިކޮޕްޓަރުތައްވެސް ދަނީ ބޭނުން ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.