ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވެންގް ލިޒިން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފިއެވެ.
ސަފީރު ކަމަށް ވާން ލިޖިން ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލިޖޮންގްގެ ދައުރު ހަމަވުމުންނެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ސަފީރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ 600،000 ޑޯޒް ދެފަހަރެއްގެ މަތިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ސަބަބުން ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަސޭހަތަކެއް ވެގެން ދިޔަ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތައް ވެސް އާ ސަފީރާ ހިއްސާކުރައްވައިފައެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެކެވެ. ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ. ކޯވިޑްގެ ޙާލަތާ ގުޅިގެން ޗައިނާއިންވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ