2011 ވަނަ އަހަރު އަވަހާރަ ކޮށްލެވިފައިވާ، ލީބިޔާގެ ކުރީގެ ލީޑަރު މުއަމަރަލް ގައްޒާފީގެ ދަރިފުޅު، ސާއިދު ގައްޒާފީ، ލީބިޔާގެ މިހާރުގެ ސަރުކާރުން ޖަލުން މިނިވަން ކޮށްފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރަސްމީ ފަރާތަކުން ރޮއިޓާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އުމުރުން 47 އަހަރުގެ ސާއިދު ގައްޒާފީ ޖަލުން މިނިވަން ކުރުމާއެކުވަނީ، ވައިގެމަގުން ތުރުކީގެ އިސްތަމްބޫލަށް ފުރުވާލެވިފައެވެ.
ގައްޒާފީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ގެނެވުނު އިންގިލާބުގެ ތެރޭގައި ސާއިދު ގައްޒާފީ އޭރު ފިއްލަވައިގެން ވަޑައިގެންނެވީ އަވައްޓެރި ނިގަރ އަށެވެ. އެހެންނަމަވެސް، އެގައުމުން 2014ވަނަ އަހަރު އޭނާވަނީ ލީބިޔާއާއި ހަވާލު ކޮށްފައެވެ. އަދި ލީބޔާގެ އޭރުގެ ސަރުކާރުން ވަނި އޭނާ ޖަލުގައި ބަންދު ކޮށްފައެވެ.
ލީބިޔާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ސާއިދު ގައްޒާފީ މައްޗަށް ސާބިތުވެފައިވަނީ 2011 ވަނަ އަހަރު ގައްޒާފީގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ދިޔަ މުޒާހިރާތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އިންސާނިއްޔާތާ ޚިލާފް އަމަލްތައް ހިންގުމުގެ އިތުރުން، ލީބިޔާގެ ފުޓްބޯޅަ ކޯޗެއްކަމުގައިވާ ބަޝީރު އަލް ރަޔާނީ 2005ވަނަ އަހަރު މަރާލާފައިވާ ކަމުގެ ތުހުމަތުތަކެވެ.
އެހެންނަމަވެސް އޭނާވަނީ، ރަޔާނީ މަރާލާފައިވާ ކަމުގެ ތުހުމަތުތަކުން 2018ވަނަ އަހަރު ސަލާމަތް ވެފައެވެ.
ލީބިޔާގެ ޕްރޮސެކިއުޓަރުގެ އޮފީހުގެ ބައެއް ފަރާތްތަކުން އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، "ޗީފް ޕްރޮސެކިއުޓަރވަނީ މީގެ އެތައް މަހެއް ކުރިން ސާއިދު ގައްޒާފީއާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް، ޝަރުތު ފުރިހަމަ ވީހާ އަވަހަކަށް ތަންފީޒު ކުރުމަށް އަމުރު ކޮށްފައި" ކަމުގައެވެ.
މިގޮތުން އޭނާ މިނިވަން ކޮށްފައި ވަނީ، ގައުމުގައި ހުރުން ނުވަތަ ގައުމުން ބޭރަށް ފުރައިގެން ދިއުމުގެ އިޚްތިޔާރާވެސް އެކީގައިކަމަށް ބައެއް ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
ލީބިއާގެ ބައެއް ރަސްމީ ފަރާތްތަކުން މައުލުމާތު ދީފައިވާ ގޮތުގައި، ސާއިދު ގައްޒާފީ މިނިވަން ވެފައިވަނީ، ލީބިއާގެ ބައެއް ގަބީލާތަކުގެ އިސްވެރިންނާއި މިހާރުގެ ބޮޑުވަޒީރު އަބުްދުލް ހާމިދު ދެބައިބޭއާ ދެމެދު ކުރިޔަށްދިޔަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިއަހަރުގެ ޖުލައިމަހު، ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެނޫހުންވަނީ، ސާއިދު ގައްޒާފީގެ ބޭބެ، ސައިފުލް އިސްލާމް ގައްޒާފީއާއި އިންޓަވިއު ކޮށްފައެވެ. ސައިފުލް އިސްލާމް ގައްޒާފީވަނީ އެތައް އަހަރެއް ވަންދެން ލީބިޔާގެ ޒިންޓަން ޓައުންގައި ހައްޔަރު ކޮށްފައި ބެހެއްޓިފައެވެ. ސައިފުލް އިސްލާމް ގައްޒަފީއަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އޭނާ ލީބިޔާގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެއެވެ.
ކޮމެންޓު ފޮނުވާ