އެމްޑީޕީގެ އޮފީހުގައި ހިނގި މަރާމާރީގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ)ގެ ބޯ ފަޅާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އަހްމަދު ޖަޒީލްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި ދިގު މުއްދަތެއް ވަންދެން މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މަންދީއަށް ހަމަލާ ދިން ހަމަ އެއޮފީހުގައި ޕިޔޯނަކަށް މަސައްކަތް ކުރާ އަހްމަދު ޖަޒީލް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މިއަދު އެކޯޓުންވަނީ، ޖަޒީލް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް އޭނާ ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެެވެ.
39 އަހަރުގެ އަހުމަދު ޖަޒީލް ފުލުހުން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން އޭނާ ހައްޔަރު ކުރިއިރު، އެ ހާދިސާއަށް ފަހު މަންދީ ބުނެފައިވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާއަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދު ނުކުރަން އޭނާ އެދޭ ކަމަށް މަންދީ ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، އެ މާރާމާރީ ހިންގީ މެންދުރު 12:30 ގައި ކަމަށެވެ. މި މާރާމާރީގެ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، މަންދީއަށް ހަމަލާ ދިނީ ޗޭން ގަނޑަކުން، ބޮލުގެ ފުއްކިބައިގައި ޖަހައިގެންނެވެ. އެ މީހާ ވަނީ މަންދީއަށް ހަމަލާ ދިނުމަށްފަހު އެތަނުން ފިލައިފައެވެ. މަންދީ އަށް ހަމަލާދިނީ ހިނގި ދެބަސްވުމެއްގައި ކަމަށްވެއެވެ.
ޖަޒީލް ހައްޔަރުކޮށްފައިވާއިރު، މަންދީ ބުނީ، ޖަޒީލަށް އަދަބެއް ދޭން ބޭނުން ނުވާކަމަށެވެ. މަންދީ ކުރި ޓުވިޓެއްގައި ބުނެފައިވަނީ ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ހުކުމެއް ކުރާކަށް އޭނާ ނޭދޭ ކަމަށާއި ޖަޒީލަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ