ހުޅަނގު މޫސުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ، ކުރިއަށް އޮތް ދެ ދުވަހަކީ މޫސުން ގޯސް، ވަޔާއި ކަނޑުތައް ގަދަ ދެ ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާއިރު، އުތުރުގެ ސަރަޙައްދުތަކަށް ވެސް ކެރީގެ އަސަރުކުރާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް މިއަދު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ރާޅުގެ އުސްމިން އުޅޭނީ ދެކުނުގައި ހަތަރު ފޫޓުގައި ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓު ފޮނުވާ