އިންޑިއާ-ރާއްޖެ އެފްޓީއޭ: ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ހޯދަން ފަށައިފި

އިންޑިއާ-ރާއްޖެ އެފްޓީއޭ: ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ހޯދަން ފަށައިފި

Author
އަހުމަދު
28 ޖޫން 2026 10:28
0

އިންޑިއާއާއެކު ގާއިމުކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ (އެފްޓީއޭ) ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި މިނިސްޓްރީން ދާދިފަހުން ވަނީ ވިޔަފާރިވެރިންނާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރިވެރިން ވަނީ އިންޑިއާ ފަދަ ބޮޑު މާކެޓެއްގައި ދިވެހި ކުންފުނިތަކަށް ވާދަވެރިކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ މިންވަރާމެދު ސުވާލު އުފައްދައި، ދެ ގައުމުގެ ދެމެދުގައި ހަމަހަމަ ވިޔަފާރީގެ ފުރުސަތުތަކެއް ގާއިމުކުރެވޭނެތޯ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ކުރިން ޗައިނާއާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ވެސް އަމަލީ ގޮތުން ދިވެހި ވިޔަފާރިތަކަށް އެކަށީގެންވާ ފައިދާއެއް ލިބެމުން ނުދާކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރިއެވެ. އަދި މިހާރުވެސް އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު އޮތް ނަމަވެސް، އެފަދަ ފުރުސަތުތައް ދިވެހިންނަށް އިންޑިއާގައި ލިބޭނެކަމުގެ ޔަގީންކަމެއް ނެތްކަމަށް އެ ފަރާތްތަކުން ބުންޏެވެ. މީގެ އިތުރުން، އެއްބަސްވުން އެކުލަވާލުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަމާޒު ހިފާފައިވާ މިންވަރާމެދު ވެސް ބައެއް ވިޔަފާރިވެރިން ވަނީ ޝައްކު އުފައްދާފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ނިންމީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ، އެއްބަސްވުން ފައިނަލްވުމުގެ ކުރިން އެކަމާ ގުޅޭ އެންމެހައި މައުލޫމާތުތައް ވިޔަފާރިވެރިންނާ ހިއްސާކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.