އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯރޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯއަށް 75މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީދޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތްގައި ފެށުނު އައިއެސްޑީބީ ގެ އަހަރީ ބައްދަލުވުމުގައި އެފެސިލިޓީ ދޭން އެއްބަސްވެފައިވެއެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރްއެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯރޕަރޭޝަންގެ ސީއީއޯ ހާނީ ސާލެމްއެވެ.
އެސްޓީއޯއިން ބުނީ މިފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަންނަންކަމުގައެވެ. އަދި މިފެސިލިޓީގެ ސަބަބުން ކޯވިޑްގެ ޙާލަތާއި ގުޅިގެން ހީނަރުވެފައިވާ ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އައިޓީއެފްސީ އިން ދެކެއެވެ.
މިއެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އެސްޓީއޯގެ އެމްޑީ ވަނީ، އައިޓީއެފްސީ އަށް ޝުކުރުއަދާކޮށް ކުރިއަށް އޮތްތަނުގައިވެސް ދެކުންފުނީގެ މެދުގައި ގާތްގުޅުންތަކެއް ބޭއްވުމަށް އުންމީދުކުރައްވާ ކަމަށް ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ