މަސައްކަތެއް ނުކޮށްއުޅޭ މީހަކީ ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް: ޚުތުބާ

މަސައްކަތެއް ނުކޮށްއުޅޭ މީހަކީ ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް: ޚުތުބާ

Author
ޢަލީ އާދަމް
03 ސެޕްޓެމްބަރ 2021 01:12
0

ދިރިއުޅުމަށްޓަކައި މަސައްތަކަތެއް ނުކޮށްއުޅޭ މީހަކީ ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ސިފަކޮށްފިއެވެ.

މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވަނީ މަސައްކަތް ކުރުމުގެ މުހިންމުކަމާއި، މަސައްކަތް ނުކޮށް އުޅުމުގެ ނުބައިކަމުގެ މައްޗަށެވެ. ބޭކާރުގޮތުގައި ވަގުތު ހޭދަކުރާ މީހުންނަކީ މި މުޖްތަމައަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަމުގައި ސިފަ ކުރަމުން ޚުތުބާގައި ބުނެފައިވަނީ، ބައެއް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ކެފޭތަކާއި، މީސްމީޑިއާގައި، މަޖާކުރުމުގައި ވަގުތު ނަގާލާ ބައެއްކަމަށާއި، މަސައްކަތުގެ މައިދާނުން ބޭރުވެފައިވާ މީހަކީ ސަލާންޖެހުމުގެ ބިންގަރާސްތެރެއަށް ވަދެފައިވާ މީހުންކަމުގައެވެ. އަދި އެއީ އެހެންމީހުންގެ ހަމްދަރުދީގައި ދިރިއުޅޭ ބިކަ އިންސާނެއް ކަމުގައެވެ.

ބޭކާރުގޮތުގައި ވަގުތު ނަގާނުލާ އަމިއްލައަތުން މަސައްކަތް ކޮށްގެން ދިރިއުޅޭނަމަ ސަލާންޖެހުމުގެ ނިކަމެތިކަމާއި އެހެންމީހުންގެ ފައިދަށަށް ވެއްޓުމުގެ އިހާނެތިކަމުން ސަލާމަތްވެވޭނެ ކަމުގައިވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭރުން ކަރާމާތާއި ޝަރަފާއި އިއްޒަތާއި އިއްފަތުގެ މާނަ އޭނާއަށް ފުރިހަމައަށް އިޙްސާސް ކުރެވޭނެއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ، މަސައްކަތްކުރުމުގެ ކުލަދާނަކަން ލިބި މަސައްކަތް ނުކޮށް ހުންނަމީހަކީ އޭނާގެ ގާތްމީހުންނަށް ޖެހިފައިވާ ބުރައަކަށް ވާނެކަމަށާއި، މިބުރަ އެމީހުންނަށް މުޅި އުމުރުގައި އުފުލަން ކުޅަދާނާ ނުވާނެކަމަށެވެ. އަދި އޭނާގެ ކިބައިން މިންޖުވޭތޯ ގާތް މީހުން ބަލާނެކަމަށެވެ.

ދުނިޔޭގެ ޤައުމުތައް ކުރިއަރާފައިވާ ގޮތުގެ މިސާލުދައްކަމުން ޙުތުބާގައި ބުނެފައިވަނީ، މަސައްކަތް ނުކޮށް އުޅޭ މީހުންނަކީ ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަންތަކެއް ކަމުގައި ނުވެ މަސައްކަތް ކުރަންފަށައިފިނަމަ ޤައުމުގެ އިޤްތިސާދުގައި ދައުރުވާ ފައިސާ ރާއްޖެއިން ބޭރަށްދިއުން ކޮންޓްރޯލްކުރެވި ޤައުމު އާރާސްތުކުރުމުގައި ބޮޑު އެހީއަކަށް ވެގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.