އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2021 09:50
0

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަސައްކަތެރިންނާ ގުޅޭ އެކި ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްޞީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ) ގެ މެންބަރުންނާ ބައްދަލުކުރައްވައި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އަޑު އައްސަފާވައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމް.ޓީ.ޔޫ.ސީ ގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތަޢުލީމާއި، ޞީއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ. މިގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާއި ގުޅޭގޮތުންނެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި އެބޭފުޅުން ވިދާޅުވިގޮތުގައި އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައި.އެލް.އޯ) ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ޙައްލު ލިބެން އޮތީ މި ޤާނޫނު ވުޖޫދުވެގެން ކަން ފާހަގަކުރައްވާފައެވެ.

އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތްކުރިޔަށްދާކަމުގައި ވިދާޅުވެ ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ހުށަހަޅުިއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ވަކި ވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.