އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށްޓަކައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ޚާއްޞަ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ކުންފުނި އުފައްދަވާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުންނެވެ. އަދި ކުންފުނި އުފެއްދެވިކަން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލެއްގެ ދަށުން އައްޑޫ އަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މީގެ އިތުރުން، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މި ސިނާޢަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް ކުންފުނީގެ އަމާޒެއް ކަމަށާއި، ސަރުކާރުން ކަނޑައަޅުއްވާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބޭނުންވާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ މި ކުންފުނި އުފެއްދެވުމުގެ މުހިންމު މަޤްޞަދެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ