އިޖުތިމާއީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތައް ޑިޖިޓަލް ނިޒާމަކުން ބެލެހެއްޓުމަށް ސިއްހަތާއި، އާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލި "އިތާ" ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައާރަފުކުރި މި ނިޒާމުން، މައްސަލަ ބަލައިގަތުމުން ފެށިގެން ނިމުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ޑިޖިޓަލްކޮށް ކުރިއަށްގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ "އިތާ" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0″ މަޝްރޫއުގެ ދަށުން ހާސިލްކުރި މުހިންމު ކާމިޔާބީއެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ނިޒާމު މެދުވެރިކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ކުރީގެ މައްސަލަތަކުގެ ތާރީހު ބެލުމުގައި މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފާކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުމަށް ވެސް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް ގެނެސް، ރައްޔިތުންގެ ހައްސާސް މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މީގެ ސަބަބުން، ވުޒާރާއަށް ގުޅައިގެން މައުލޫމާތު ސާފުނުވެގެން ރައްޔިތުންނަށް ދިމާވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބި، ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމަށް ވެސް ވުޒާރާއިން ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ