އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެމްޑީޕީ މިނިްޖު ވެފައިވާކަމަށާއި، ނަޝީދަކީ މިހާރު އެމްޑީޕީގެ މާޒީކަމަށް އެޕާޓީ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުގެ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައި އޮތްވައި، ޕާޓީގެ ބާރުގަދަ ގުނަވަނެއް ކަަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރެއްވި ކެންޑިޑޭޓުން ވަނީ ކާމިޔާބް ކުރައްވާފައެވެ. މި އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ޝުއައިބު ވިދާޅުވީ މިއީ އެމްޑީޕީގައި އޮތް ނަޝީދުގެ ނުފޫޒުން އެމްޑީޕީ މިންޖުވިކަމުގެ އިޝާރާތެއް ކަމަށެވެ. އަދި މިހާރު ރައީސް ނަޝީދަކީ އެމްޑީޕީގެ މާޒީކަމަށް ޝުއައިބު ވިދާޅުވިއެވެ.
އަންނިގެ ވަކިތަކުން އެމްޑީޕީ މިންޖުވެއްޖެ. އަންނި އެއީ މިއަދު އެމްޑީޕީގެ މާޒީ. 17 އަހަރަށްފަހު އެމްޑީޕީ އާ ލީޑަރޝިޕަކަށް ފޮރޮޅާލައިފި. އަންނިއަށް ދެން އިތުބާރު ކުރާނެ ސިޔާސީ މީހަކު ނެތް.
– ޝުޢައިބު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 185 ވަނަ ޖަލްސާގައި އޮތީ، އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް ހޮވުމަށް ވޯޓު ދިނުމެވެ. އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލެއްވީ 18 ބޭފުޅުންނެވެ. އެހެންނަމަވެސް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހޮވަނީ 9 މެމްބަރުންނެވެ. މިވޯޓު ކުރިއަށް ގެންދިއުމަށްޓަކައި، ސިއްރު ވޯޓެއްގެ ގޮތުގައި ވޯޓު ނެގުނުއިރު، މިއީ މިފަހުނުް އެންމެ ގިނަ އަދަ ދަކަށް މެމްބަރުން ހާޒިރުވި ޤާއުމީ މަޖިލިސްކަންވެސް ފާހަގަކޮށްލެވެއެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ދައުރުވެސް މިހާރު ހަމަވެފައިވާއިރު، ބައެއް ކޮމިޓީތަކުގެ މެމްބަރުންގެ ދައުރުވެސް ވަނީ ހަމަވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމީ މަޖިލިސް އިންތިޚާބު ވަނީ 2 ފަހަރެއްގެ މަތީން ފަސްކޮށްފައެވެ. މި އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.