ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވާދަކުރެވޭ އިންތިޚާބެއް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވަންޖެހޭ ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕްރޮގްރސިވް ކޯލިޝަން ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ވެރިކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަމަށެވެ. އަދުލު އިންސާފު ގެއްލި ރައްޔިތުންނަށް ހަމަހަމަ ކަން ގެއްލިފައިވާކަމަށެވެ. މިއަދު ދިވެހި ރައްޔިތުން އެދި ގޮވަމުންދަނީ ޚިދުމަތް ކޮށްދެވޭނެ ބޭފުޅަކަށްކަމަށާއި، އެބޭފުޅަކީ ރައީސް ޔާމީންކަމަށެވެ.
މަލީހު ވިދާޅުވީ މިސަރުކާރުގެ މިވީ 3 އަހަރުގެ ތެރޭގައި ޤައުމަށް ޚިދުމަތް ކޮށްނުދެވޭއިރު، ވެރިކަމުގެ ތެރޭގައި ފެނިގެންދަނީ ބޮޑު ކޯޅުމެއް އޮތްތަން ކަމަށެވެ. މިކަމުގެ ދަތި އުދަގޫ ކުރިމަތި ވަމުންދަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، މިކަމުން ރައްޔިތުން ސަލާމަތްވަނީ އަވަސް އިންތިޚާބެއް ބާއްވައި ރައްޔިތުން އެދޭ ގޮތަކަށް ކަންކަން ބައްޓަން ވެގެންކަމަށް މަލީހު ވިދާޅުވިއެވެ.
އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މެނިފެސްޓޯ ހިއްސާ ކުރައްވައި މަލީހު ވިދާޅުވީ ދެއަހަރާއި ބައިގެ ތެރޭގައި އިންތިޚާބެއްގެ ވާހަކަ އެބައޮތްކަމަށެވެ. އެކަން ފުއްދުމަކީ މިހާރު އޮތް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ކޮށްދޭން ޖެހޭކަމެއްކަމަށް މަލީހު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދެނީ މިޤައުމު އާރާސްތުވެ ތަރައްޤީވާތަން ދެކުމަށް ކަމަށާއި، އެކަން ކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. މިއަދު ރައީސް ޔާމީނަށް ދެމުންދަނީ ނުހައްގު އަނިޔާތަކެއް ކަން ލީކުވެފައިވާ އޯޑިއޯތަކުން އެކަނިވެސް ހާމަވާކަމަށެވެ.
ކޮމެންޓު ފޮނުވާ