އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ނިއުޔޯކަށް ވަޑައިގެންފިއެވެ.
އދ.ގެ ޢާންމު މަޖިލިސް ހުންނަ ނިއުޔޯކަށް ވަޑައިގެން، ކެބިނެޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ޢާންމު މަޖިލީހުގެ 76 ވަނަ ޢާންމު މަޖިލިސް އަންނަ މަހުގެ 14ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެހެންކަމުން ޢާންމު މަޖިލީހުގެ ރިޔާސަތު އަމާންކަމާއެކު ބަދަލުކުރުމަށް މެންބަރު ޤައުމުތަކާއި، އދ.ގެ ސެކްރެޓޭރިއަޓާއި، ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Arrived in New York today and met with some of the senior cabinet.
As we prepare to open #UNGA76 on 14 September, I will be meeting with Member States, the Secretariat and other stakeholders to prepare, and ensure smooth transition from #UNGA75. #PresidencyOfHope pic.twitter.com/yZ7LsGGZoc
— Abdulla Shahid (@abdulla_shahid) August 28, 2021
އދ.ގެ ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސް، ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ނިއުޔޯކަށް މިވަޑައިގަތީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ 35އަށްވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
މި ޖަމިއްޔާގެ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.
މިގޮތުން އާންމު މަޖިލިހުން، ޔޫއެންގައި އަދާކުރާ މައިގަޑު 3 މަސްއޫލިއްޔަތެއް އޮވެއެވެ. އެ މަސްއޫލިއްޔަތު ތަކަކީ:
- ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުން
- ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުން
- ޔޫއެންގެ ބަޖެޓު ފާސްކުރުން
އދ.ގެ ޢާންމު މަޖިލީހުގައި ރަސްމީކޮށް، ވަކި ތާވަލެއްގެ ދަށުން ބައްދަލުންވުންތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަނަލަށެވެ. އެއަށްފަހު، އާންމު މަޖިލިސް ބައްދަލު ކުރާނީ، ބޭނުންވެއްޖެ ހާލަތެއްގައެވެ.
މި ބައްދަލުވުންތަކުގައި، ކަނޑައެޅިފައިވާ ވަކި އެޖެންޑާތަކަކަށް ބަހުސްކޮށް، އަދި މިގޮތުން ބަހުސް ކުރެވޭ ބައެއް އެޖެންޑާތައް ގަރާރުތަކަށް ޔޫއެންގެ އޮނިގަޑުގެ ތެރެއިން ބަދަލުވެގެން ދެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.
އަދި މީގެ އިތުރުން މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ދުނިޔެއަަށް ލާބަހުރި ވަކި އެޖެންޑާއެއް ކުރިއެރުވުމަށް، މެމްބަރު ގައުމުތައް އެއްކުރުމުގެ ބާރު ޖެނެރަލް އެސެމްބްރީގެ ރައީސަށް، ޔޫއެންގެ އޮނިގަޑުގެ ތެރޭގައި ލިބިދީފައި އޮވެއެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.
މި އިންތިޚާބު، ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެން ބޮޑު އައުލަބިއްޔަތަކުންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ، 48 ވޯޓެވެ.