2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ"އަށް ފަހު ޝާހްރުކް ޚާން އެބުރި ބޮޑު ސްކްރީނަށް އައުން ފާހަގަ ކުރާ ފިލްމް "ޕަތަން"ގެ ޝޫޓިން މިހާރު ބާރު ސްޕީޑްގައި ކުރިއަށް ދާއިރު ފިލްމާއި ގުޅޭ ތަފާތު ވާހަކަތަށް އަންނަނީ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަހޯދަމުންނެވެ.
އަންނަ އަހަރު ނެރުމަށް ތާވަލް ކޮށްފައިވާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދައި، ބޮލީވުޑްގެ ގިނަ މަޝްހޫރު މޫނުތަކެއް ފެނިގެންދާނެ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމް ގެ ޝޫޓިން އިންޑިއާގެ އިތުރުން ގިނަ ގައުމު ތަކެއްގައި ނެގުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ފިލްމްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ވަރަށް "ގްރޭންޑް" ކޮށެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމްގެ ވަރަށް ވަރުގަދަ ލަވައެއް ސްޕެއިންގައި ޝޫޓޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ލަވައިގެ ހައިބަތު އަދި ލަވަޔާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލީކްވާން ޑައިރެކްޓަރު ސިދާތު އާނަންދު ބޭނުން ނުވާކަމަށް ޚަބަރުތައް ބުނެއެވެ.
މި ލަވައިގައި ފެނިގެން ދާނީ ފިލްމްގެ ލީޑު ތަރިން ކަމަށްވާ ދިޕިކާ ޕަޑްކޯން އަދި ޝާހްރުކެވެ. މި ދެތަރިން ވަނީ މީގެ ކުރިންވެސް މަގުބޫލު ފިލްމްތަކެއްގައި އެކުގައި ފެނިގެން ގޮސްފައެވެ.
ސިދާތާއި ޕްރޮޑިއުސަރު އަދިއްތިޔާ ޗޯޕްރާ ގުޅިގެން މީގެކުރިން ވެސް ހިންދީ ސިނަމާތައް ބަދަލު ކޮއްލާފަދަ ޕްރޮޖެކްޓްތައް ގެނެސްދީފައިވާ ކަމަށާއި "ޕަތަން" އަކީ ވެސް އެފަދަ ޕްރޮޖެކްޓަކަށް ވެގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފިލްމާ ގުޅޭ ގޮތުން މާގިނަ މައުލުމާތު ދޭން ވެސް ޑައިރެކްޓަރު ދެކޮޅު ހަދައެވެ.
ޝާހްރުކާއި ދީޕިކާގެ އިތުރުން މި ފިލްމް ގެ ކާސްޓުގައި ޖޯން އަބްރަހަމް، ޑިމްޕަލް ކަޕާޑިއާ ފަދަ މަގުބޫލު ފަންނާނުން ހިމެނެއެވެ. އަދި މި ފިލްމްގައި ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެނިގެން ދާނެއެވެ.