އެމްއާރުއެމްގެ ރައީސްކަމަށް ފާރިސް ވާދަކުރައްވަނީ

އެމްއާރުއެމްގެ ރައީސްކަމަށް ފާރިސް ވާދަކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 10:07
0

ކުރިއަށް އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ރައީސްކަމަށް، ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކުރިމަތި ލައްވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމްއާރުއެމްއަކީ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދެވި ޕާޓީއެކެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމީ ޖަލްސާ ނުބޭއްވި ދިޔަ ނަމަވެސް، އެޕާޓީން ގެދްވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ޤައުމީ މަޖިލިސް ޖަލްސާގައި އެމްއާރުއެމްގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމާއި، ކޮމެޓީއަކަށް ބޭފުޅުން އިންތިޚާބު ކުރެވިގެންދާނެއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި އެމްއާރުއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ޕާޓީގެ އެންމެ އިސް މަޤާމަށް ފާރިސް މައުމޫން ކުރިމަތި ލައްވަން ނިއްމަވާފައިވާކަމަށެވެ. އަދި އެކަމަށް ގިނަ މެމްބަރުންގެ ތާއީދުވެސް އޮތްކަމަށެވެ. މި ސަރުކާރު ގެނައުމަށް އެންމެ އިސްކޮށް މަސައްކަތްކުރި ބޭފުޅުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނިވަޑައިގަންނައެވެ. ކުރީގެ ރައީސް އަދި ފާރިސްގެ ބޮޑުބޭބޭފުޅު ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތައް ލީޑް ކުރެއްވީވެސް ފާރިސް މައުމޫނެވެ.

އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގަތެވެ. އެ މަސައްކަތުގެ ތެރެއިން ވަރަށް ދިގު މުއްދަތެއްގައި ފާރިސް ޖަލުގައިވެސް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެގޮތުން ހުކުމެއްނެތި ތުހުމަތެއްގައި އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފާރިސްއަށް ކެބިނެޓުން ޖާގައެއް ދިނުމާއި ގުޅޭގޮތުންވެސް އަޑުތަކެއް އެެރިއެވެ. ނަމަވެސް ކެބިނެޓަށްވެސް އަދި ސަރުކާރުގެ އެއްވެސް މަޤާމަށް ވެސް ފާރިސް އައިސްފައިނުވެއެވެ. ރައީސް ޔާމީންގެ ވެރިކަމަށްފަހު ސިޔާސީ މަސްރަހާއި ވަރަށް ބޮޑަށް ދުރުގައި ހުންނެވި ފާރިސް މައުމޫނަކީ ސިޔާސީ ތަޖުރިބާ ބޮޑު، ހިންގުންތެރި ލީޑަރެއްގެ ގޮތުގައި ނިމިދިޔަ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުން ގިނަ ބަޔަކު ދެކެއެވެ. މަޑުމައިތިރި މިޒާޖެއްގެ ފާރިސްއަކީ އެމްއާރުއެމްގެ މިހާރުގެ ރައީސްކަމަށް އެންމެ ޤާބިލް ބޭގުޅާކަމަށް އެޕާޓީގެ ގިނަ މެމްބަރުން ދެކެއެވެ.

އެމްއާރުއެމްގެ އެކި މަޤާމުތަކަށް މިފެށޭ ހަފްތާގައި ހުޅުވާލާނެއެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.