އެންމެ ފަހުން ކުރި ޓެސްޓުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ބުދަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗުގައި ކުޅެވޭނެއެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ ރޮނާލްޑޯ އަލުން ވައިރަހަށް ޓެސްޓުކުރިއިރު، އޭނާ އަދިވެސް ކޯވިޑް-19 އަށް ޕޮޒިޓިވްކަމަށް ޓެސްޓުން ވަނީ ދައްކާފައެވެ. އެހެންކަމުން ބާސާއާ ދެކޮޅަށް ރޮނާލްޑޯއަށް ނުކުޅެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރޮނާލްޑޯ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.
އޭގެ ފަހުން ހާއްސަ އިހުތިޔާރެއްގެ ދަށުން ރޮނާލްޑޯ އިޓަލީއަށް ދިޔައިރު، ކޯވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިޓަލީގެ ސަރުކާާރުންވަނީ ބުނެފައެވެ.