ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް-19 ގެ އަލާމަތް ހުރުމުން އިންފަންޓީނޯ ވައިރަހަށް ޓެސްޓު ކުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އިންފަންޓީނޯއާ ބައްދަލުވި އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.
އިންފަންޓީނޯ މިހާރު ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ. ފީފާއިން ބުނީ ކުރިއަށް އޮތް 10 ދުވަހު އިންފަންޓީނޯ ހުންނާނީ އައިސޮލޭޝަނުގައި ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންފަންޓީނޯ އިންތިޚާބުކުރިއިރު 2023 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ ރައީސްގެ މަގާމުގައި އިންފަންޓީނޯ ދެމިހުންނަވާނެއެވެ.
ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިޚާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާއެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.