ބްރިޖް މަޝްރޫއުއަކީ، ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިއީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށެވެ.
އިންޑިއާގެ މާލީ އެހީއާއެކު އަޅާ މި ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
India is proud to be a key development partner of Maldives.
Deeply committed to its national progress.@ibusolih https://t.co/5QoeBcsoiF
— Dr. S. Jaishankar (@DrSJaishankar) August 26, 2021
މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ. އަދި މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަށެވެ.
ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗަރއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓާ ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަޚުރެއްކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އިސްކަން ދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ