ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވުމުންނެވެ. ކޯޓުތަކުން ކުޑަކުދިންނާއި ގުޅުންހުރި މިފަދަ މައްސަލަތައް އާންމުކޮށް ކުރިއަށް ގެންދަނީވެސް ސިއްރުކޮށްގެންނެވެ.
13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށެވެ. އޭނާގެ މައްޗަށް 13 ދައުވާއެއް ވަނީ އުފުލައިފައެވެ. މިމައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށްވެސް ދަނީ ދައުވާ އުފުލާފައެވެ. އޭނާގެ ޝަރީއަތް ކުރިއަށްދަނީ ޖުވެނަލް ކޯޓުގައެވެ.
ކުޑަކުއްޖާ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ޒިހާން އަށް ކޮށްފައިވާ ދައުވާތައް:
– ގަސްތުގައި މީހަކު މެރުން،
– ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ފަސް ދައުވާ
– މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން
– ގްރޫމްކުރުން
– މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން
– ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން
– ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން
– ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް.
ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެކުއްޖާގެ މޫނު ވަކިނުކުރެވޭވަރަށް މޫނު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު ކަމަށް އެނގިފައިވެއެވެ.
ކޮމެންޓު ފޮނުވާ