"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާޙު ކުރައްވައިފި

"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާޙު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2021 11:34
0

ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވުނު "ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާޙު ކުރައްވައިފިއެވެ.

ޕްލޭން އިސްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއަދު މި އިފްތިތާޙުކުރި، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނަކީ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމަށެވެ. މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ބިނާކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންގެންދޭ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން، މާސްޓަރ ޕްލޭނެއް އެކުލަވައިލެވޭ މިއީ ފުރަތަމަ ފަހަރު. ސަރުކާރުން މި މާސްޓަރ ޕްލޭން އެކުލަވައިލާފައި މިވަނީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މި މާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ޢަދަދުވެސް ދަށްވެގެންދާނެކަމަށެވެ. އޭގެ ސަބަބުން، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންވެސްދާނެކަމަށެވެ.

ސަރުކާރުން މި މާސްޓަރ ޕްލޭން އެކުލަވާލާފައި މިވަނީ، ކުރު މުއްދަތުގައި ޙާޞިލުކުރާނެ ކަންތައްތަކާއި، ދިގު މުއްދަތުގައި ކުރާނެ ކަންތައްތަކެއް ހިމަނައިގެން. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓު ސެންޓަރުތަކެއް ޤާއިމުކުރުން. މިއީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައިވެސް، ވަރަށް މުހިންމު މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެން. މި މާސްޓަރ ޕްލޭންގެ ދަށުން، މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް ފްރޭމްވަރކް އެކުލަވާލައި ތަންފީޒު ކުރަން ފެށުމުން، މިކަމުގެ ހެޔޮ ނަތީޖާ، އިރާދަކުރެއްވިއްޔާ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ފެންނަން ފަށާނެ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު އެބަ ޤާއިމުކުރަންދާއިރު އިތުރު ސަރަހައްދީ ވައިގެ ބަނދަރުތައް އެބަ ހަދަމުންދާކަމަށެވެ. އަދި ޓާޝަރީ ފެންވަރަށް، ފަސް ހޮސްޕިޓަލެއްވެސް ތަރައްޤީކުރަންދާކަމަށެވެ. މިއިން ކޮންމެ މަޝްރޫޢެއް ނިމޭއިރު، ރަށްރަށުގައި އުފެދިގެންދާނީ، އެތައް ވަޒީފާއެއްކަމަށާއި، މިއިން ކޮންމެ މަޝްރޫޢަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މި އިފްތިތާޙުކުރި މާސްޓަރ ޕްލޭންގެ މައިގަނޑު އަމާޒަކީ، މި ދެންނެވި ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުންކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން، ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެކަމަށާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.