މަސްދޯނި ހައިޖެކްކުރުން: ކޯޓުން 3 މީހަކު ދޫކޮށްލުމުން އިތުރު 5 މީހަކު ހައްޔަރުކޮށްފި

މަސްދޯނި ހައިޖެކްކުރުން: ކޯޓުން 3 މީހަކު ދޫކޮށްލުމުން އިތުރު 5 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 09:00
0

ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް އަރައި ވަޅިން ބިރު ދެއްކި މައްސަލާގައި ހައްޔަރު ކުރި 3 މީހަކު ކޯޓުން ދޫކޮށްލުމުން އިތުރު 5 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުންވިދާޅުވިއެވެ. ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންވަނީ ކޯޓް އަމުރުގެ ދަށުން 5 މީހަކު މިއަދު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވައެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެ، ދޯންޏަށް ދިޔަބަޔަކުކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.