ސެކެޓްރީ ޖެނެރަލުން އައްޔަން ކުރެވެން ފަށާނީ އަންނަ މަހު: ސީއެސްސީ

ސެކެޓްރީ ޖެނެރަލުން އައްޔަން ކުރެވެން ފަށާނީ އަންނަ މަހު: ސީއެސްސީ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2021 10:13
0

ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމަށްޓަކައި މިހާރު ކުރިއަށްދާ އިންޓަރވިއުގެ މަރުހަލާނިމި ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އަންނަ މަހުގެ 15ގެ ފަހުން އައްޔަން ކުރަން ފެށޭނެ ކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 500 އަށްވުރެ މީހުން އެ މަޤާމުތަކަށް ކުރިމަތިލާފައިވާކަމަށް ސީއެސްސީން ވަނީ ވިދާޅުވެފައެވެ. ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް 511 އެޕްލިކޭޝަނެއް ލިބިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 54 އެޕްލިކޭޝަން، އަތޮޅު ކައުންސިލްތަކުގެ މަޤާމަށް 86 އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 371 އެޕްލިކޭޝަން ލިބިފައިވާކަން އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިމްތިހާނަށް ފުރުސަތު ދިނުމުން 272 މީހަކު އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިހާރު 236 މީހުން ސޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަޤާމަށް މީހަކު އައްޔަނުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގައި އާއްމުކުރައްވާފައިވާއިރު، މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މަޢުލޫމާތު ދިނުމަށް ވެބިނަރއެއްވެސް އެ ކޮމިޝަނުން ބާއްވާފައިވެއެވެ. ރާއްޖޭގެ 178 ރަށު ކައުންސިލަކާއި، 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލް ހިމެނޭހެން މި މަޤާމަށް ޖުމްލަ 200 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.