އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅު ތެރޭގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރު ތަކުގެ ތެރެއިން މިއަދު ގދ.ގައްދޫއަށް ދިއުމުން، ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ހުވަދު އަތޮޅަށް ކުރި ދަތުރުގައި، އިސްކޮށް ހަރަކާތްތެރިވަނީ، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. މިދަތުރުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއާއި، މުއާޒު މުހައްމަދު ރަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ގިނަ ދުވަސްތަކަކަށްފަހު ޕީޕީއެމްގެ ޓީމުގެ މެމްބަރުން ގައްދޫއަށް ކުރި ދަތުރުގައި މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ވަނި ނިކުމެފައެވެ. މިދަތުގެ ތެރެއިން ޕީޕީއެމްއާއި، ވަނީ ބައެއް މީހުން ގުޅިފައެވެ. ގައްދޫގައި މިރޭ ބާބަކިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާދަމާރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ހުވަދު އަތޮޅަށް ކުރާ މިދަތުރުގައި، އެ އަތޮޅުގެ ދެ ދާއިރާ އަކަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިފަހަރު ދަތުކުރާނީ ގައްދޫ އާއި ފަރެސްމާތޮޑާ ދާއިރާ ކަމުގައި ދަތުރަށް ފުރުމުގެ ކުރިން އެއާޕޯޓްގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވެފައިވެއެވެ. އަދި އައްޑޫއަށް ދަތުުރުކުރާ ޕީޕީއެމްގެ ޓީމުގައި ހިމެނޭ ބޭފުޅުން އެ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ނިންމާފައިވެއެވެ. މީގެއިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމަށްވެސް ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ