ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލުކޮށް، ރާއްޖެއަށް ބޮޑުވަޒީރަކު ލައިގެން ހިންގޭނެ ނިޒާމެއް ގެންނަން ޖެހޭކަމުގައި ބަރުލަމާނީ ނިޒާމަށް ތައީދުކޮށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުންދާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ 4 ޕާޓީގެ މެމްބަރުންނަށް ބައިއަޅައިގެން ސަރުކާރު ބައިކޮށްގެން ވެރިކަން ނުކުރެވޭނެކަމަށެވެ. މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ރާއްޖެއަށް އެކަށޭނެ ނިޒާމެއް ނޫންކަމަށް މިއަދުވެސް ބޮންޑެ ވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، އެނިޒާމު ވީހާވެސް އަވަހަށް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ސަރުކާރުގެ 60 އިންސައްތަ ހިއްސާ ޤާނޫނު އަސާސީން ޖާގަވެސް ނުދޭ ކޯލިޝަން ބައިވެރިންނަށް ދީގެން ކުރާ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންނަށް ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެކަމަށެވެ. މިއަދު މިސަރުކާރަށްވެސް ދިމާވެފައިވަނީ އެމައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯލިޝަނަކާއިހެދި ސަރުކާރުން، އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދި، އެކަން ކުރަން ނޭގުމަކީ މިއަދު ނިޒާމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. އެކަން ރަނގަޅު ކުރެވޭނެ ގޮތަކީ ބޮޑުވަޒީރުގެ ނިޒާމު ގެނެސްގެން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ މިހެން ވިދާޅުވިއިރު،ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.
ކޮމެންޓު ފޮނުވާ