ދެކުނު ކޮރެއާ، ކިއުބާ އަދި ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޖިއޮންގް ވޫންޖިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާ އިން ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝުކުުރުއަދާކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުގުވެރިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަންދްރޭސް މަރްސެލޯ ގޮންޒާލޭސް ގަރީދޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޚާއްޞަކޮށް ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ކިއުބާ ސަރުކާރުން ރާއްޖެއަށް ވެދެއްދަވުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ކިއުބާއިން ދަނީ ރާއްޖޭގެ ކުދިންނަށް ލެޓިން އެމެރިކަން ސްކޫލް އޮފް މެޑިސިންއިން ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުންކަމަށާއި، ކިއުބާގެ ޑޮކްޓަރުންގެ ޚިދުމަތްތައްވެސް މީގެ ކުރިން ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ. އަދި ދެބޭފުޅުން ވަނީ ރާއްޖޭގެ ދަރިވަރުންނަށް ކިއުބާގައި ތަޢުލީމީ އިތުރު ފުރުޞަތުތައް ފަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހޯ ތީ ތަން ތުރުޚް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދެޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭއިރު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާ ފަދަ އެދެވޭ ކަންތައްތަކެއްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ކޯވިޑް-19 ކޮންޓޯރޯލްކުރުމަށް ވިއެޓްނާމް ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ވިއެޓްނާމް ސަފީރުގެ އަރިހުން ރާއްޖެއަށް އާސިއާންގެ އޮބްޒަރވަރ ސްޓޭޓަސް ހޯދުމަށް އެހީތެރިކަން ފޯރުކޯށްދިނުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ