ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަ ފުޅުގައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ބޭނުންވާކަމަށާއި، އެމަނިކުފާނުގެ ވިސްނުން ބަރުލަމާނީ ނިޒާމާއި ދިމާލަށް ހުރިކަން ހާމަކޮށްދޭވީތީ އެކަމަށް މަރުހަބާ ކިޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް ކޯލިޝަން ހަދައި ސިޔާސީގޮތުން އެކުގައި މަސައްކަތްކުރަން ފަށައިފިނަމަ ރާއްޖޭގައި މިހާރު އޮތް މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށާއި މިވަގުތު ރާއްޖޭގައި އޮތް މައި ދެ ސިޔާސީ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމްކަން ކަމަށެވެ. އަދި މި ދެފިކުރު އެއް ވެއްޖެނަމަ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމު ހުއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިވާހަތަކައި ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރޭ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ރައީސްގެ ވާހަތަކުން އެމަނިކުފާނުގެ ވިސްނުން ބަރުލަމާނީ ނިޒާމާއި ދިމާލަށް ހުރިކަން ސާފުވާކަމަށެވެ. ސަރުކާރު ހިންގުމަށްޓަކައި މަޖިލީހުގެ ސާފު މެޖޯރިޓީ ބޭނުންވާކަމަށާއި، އަދި ބޮޑު ދެޕާޓީ އެކީގައި މަސައްކަތް ކުރުމަކީ މިހާރު އޮތް ނިޒާމުގައި އެންމެ ރަނގަޅު ގޮތްނޫންކަމަށް ވިދާޅުވެ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ބޭނުންވާކަމުގެ އިޝާރާތެއް ރައީސް ދެއްވީތީ އުފާ ކުރައްވާކަމަށް ވައްޑެ ވިދާޅުވިއެވެ.
އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިއަދު ވަރަށް އުންމީދީ ވާހަކަތަކެއް ދައްކަވައިފި. ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށާއި، އަދި ބޮޑު ދެޕާޓީ އެއްވުން އެއީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައިކަންވާ އެންމެ ރަނގަޅު ގޮތްނޫން ކަމާއި، މިކަހަލަ މޭރުމަކުން ވަރަށް ސާފު ސޮރީހަ އިބާރާތަކުން ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަ ތަކުރާރުކޮށް ބަރުލަމާނީ ނިޒާމު ރާއްޖޭގައި އޮންނަން އެމަނިކުފާނުގެ ވިސްނުންފުޅު ހުރިކަން ދޭހަވާ ގޮތަށް ވަރަށް ގިނަ ވާހަކަ ދެންނެވީމަ އެކަމަށް މަރުހަބާ ދަންނަވަން.
– ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވި ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ރައްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންވާކަމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޞާލިހުގެ ކިބައިން އެދިފައެވެ. ނަމަވެސް ރައީސް ޞާލިހު އެއަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުންވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދު ނުކުރައްވައެވެ.
ކޮމެންޓު ފޮނުވާ