ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ހަތިޔާރު ހޯދުމާއި، ގެންގުޅުމާއި، ބޭނުންކުރުމާބެހޭ ގަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ. ޤަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ހޮހިރު ދުވަހުން ފެށިގެންނެވެ.
ޤާނޫނުގެ ދަށުން ފުލުހުންނަށް ބޭނުންކުރެވޭ ހަތިޔާރުތައް ރާއްޖެ އެތެރެ ކުރުމާއި، ބޭނުން ކުރުމާއި، ގެންގުޅުމުގެ ހުއްދަ ވަނީ ދީފައެވެ. ފުލުހުންގެ މަސައްކަތްތައް އެކަށޭނަ މިންވަރުގައި ކުރެވޭނެ ގޮތް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާނެ ހަތިޔާރު ހޯދުމާއި، އެ ހަތިޔާރު ރައްކައުތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ ބާރު، ޤާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވެއެވެ.
ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާ އެންމެހައި ހަތިޔާރެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ލިބިގެންވަނީ ސީޕީގެ ލަފާގެ މަތީން ހޯމް މިނިސްޓަރ ކަނޑައަޅުއްވާ ގޮތުގެ މަތީންނެވެ. ފުލުހުން ގެންގުޅޭ ހަތިޔާރު ވާންޖެހޭނީ، ފަޔަރ އާމްސްއާއި އެކްސްޕްލޯސިވްގެ ތެރޭގައި ނުހިމެނޭ، ފަރުދަކާ ދެކޮޅަށް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު ކުޑަވާނެ ގޮތަށް ފަރުމާކޮށްފައިވާ އަދި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ހުޅުވިފައިވާ ޑިމޮކްރަޓިކް ޤައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ޤާނޫނު ތަންފީޛު ކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތުގެ ލެސްލީތަލް ހަތިޔާރަށެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންކުރާ ހަތިޔާރާއި، އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އޮޕަރޭޝަނަލް މެނުއަލްއެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލައި، ހާލަތާ ގުޅޭގޮތުން ބާރުގެ ބޭނުންކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައި އޮންނަންވާނެކަމަށް ވަނީ ބުނެފައެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހުން ބޭނުންކުރުމަށް ހުއްދަކޮށްފައިވާ ހަތިޔާރުތައް ދަރަޖަކުރެވިފައިވަނީ ފްރަންޓް ލައިން ޕޮލިސިންގގައި ބޭނުންކުރާ ހަތިޔާރާއި، ސްޕެޝަލިސްޓް ޓީމްތަކުގައި ބޭނުންކުރާ ހަތިޔާރެވެ. ގަވާއިދުގައި ބުނެފައިވާ ގޮތުން ހަތިޔާރެއް ހަވާލުކުރެވޭނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުލުހުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑަށް އެ ހަތިޔާރެއް ބޭނުންކުރުމުގެ ތަމްރީނަކުން ފާސްވެފައިވާ ފުލުހުންނަށް އެކަންޏެވެ.
ޤާނޫނީގޮތުން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރު ބޭނުންކުރި ގޮތާ ގުޅޭގޮތުން ކޮންމެ ފުލުހަކީވެސް ޖަވާބުދާރީވާންޖެހޭ ފަރާތަކަށްވުމާއެކު، އެފަދަ ބާރެއް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި މިޤަވާއިދުގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، ޑިސިޕްލިނަރީ ބޯޑަށް ލަފާ ދިނުމަށްޓަކައި، "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" ގެ ނަމުގައި، އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށް އެކުލެވޭ ވަކި ޚާއްޞަ ކޮމެޓީއެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި، ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވައިލަންވަންޖެހެއެވެ.
ޤަނޫނުގެ ދަށުން އެކުލަވާލި ގަވާއިދުގައި ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތަކާއި، ހަތިޔާރު ބޭނުން ކުރުމުގެ ކުރިން އިންޒާރުކުރުމާއި، ހަތިޔާރު ބޭނުން ނުކުރެވޭ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ޤަވާއިދުގައި ހަތިޔާރު ރައްކާކޮށް ބެލެހެއްޓުމާއި، ނައްތާލަންޖެހޭ ހަތިޔާރުތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ