ރ.އުނގޫފާރުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުގެ ކެފޭއެއްގައި މަސައްކަތްކުރަމުން އަންނަ ކޭޝިއަރެކެވެ. މިކޭސްއާއި ގުޅޭ އިތުރު މަޢުލޫމާތު މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްްީކުރަމުން އަންނަ ކުޑަކުރަތުން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެރަށާއި އެންމެ ކައިރީގައި އޮންނަ އުނގޫފާރުން ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އުނގޫފާރު ޕޮޒިޓިވްވި މީހާއަކީ ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި މީހެކެވެ.
ޕޮޒިޓިވްވީ ކެފޭއެއްގައި މަސައްކަތްކުރާ ކޭޝިއަރެއްކަމަށްވާއިރު އެތަނަކީ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ. އަދި އުނގޫފާރަކީ އެއަތޮޅާއި އެހެން އަތޮޅުތަކުގެ ރަށްތަކުންވެސް ގިނަބަޔަކު ޒިޔާރަތްކުރާ ރަށެއްކަމުން އެޗްޕީއޭއިން ވަކިގޮތެއް ކަނޑައަޅަންދެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.
ރ.އަތޮޅު ރިސޯޓަކުން ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނިވެސް ކުޑަކުރަތުގައި މަސައްކަތްކުރަމުންދިޔަ 52 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މިހާތަނަށް އެރަށުން 63 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ