ދައުވާ ކުރިޔަސް އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެކަމަށް މަގާމުން ސަަސްޕެންޑްކުރައްވާފައި ހުންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވުމުން، މަހުލޫފްދެ ދިފާއުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވާހަކަފުޅު ދައްކަވައިފިއެވެ.
ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން މައްސަލާގައި ގޮތެއް ނިންމީމަ އިސްތިއުފާ ދޭން ނަމަވެސް ދެން ދައުވާ ކުރިޔަސް އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެކަމަށް މަހުލޫފް ރޭ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް (ފިޔެސް މޯޑް) ވިދާޅުވީ، މިނިސްޓަރ މަހުލޫފަކީ، ވުޒާރާއާ ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްތަކުގައި އަވަދިނެތި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއްކަމަށެވެ. ތުހުމަތެއްގައި، ސަސްޕެންޝަނުގައި، ވާނުވާގައި ގިނަ ދުވަހު ހުންނަވަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއްކަމަށްވެސް މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވިއެވެ.
ވުޒާރާއާ ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްތަކުގައި އަވަދިނެތި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއް… ތުހުމަތެއްގައި، ސަސްޕެންޝަނުގައި، ވާނުވާގައި ގިނަ ދުވަހު ހުންނަވަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއް! https://t.co/ZVMk7x2vw7
— Mohd Abdulla Shafeeg (@mashafeeg) August 10, 2021
މެންބަރު މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ފައިސާ މިނިސްޓަރު މަހްލޫފަށް ލިބުނުކަމަށް ކުރެވޭ ތުހުމަތުގައި، މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އަދި މިހާތަނަށް ދައުވާކޮށްފައެއްނުވެއެވެ.
މަހްލޫފު ވަނީ ޕީޖީއޮފިހުގައި އޮތް އޭނާގެ މައްސަލައާގުޅޭގޮތުންރޭ ޓްވިޓާގައި އިހުސާސްތައް ބަންޑުންކޮށްލާފަ އެވެ. އެގޮތުން މަހްލޫފު ވިދާޅުވީ މިވާހަކަ ރައީސް އަށްވެސް ރަސްމީކޮށް ދަންނަވާނެ ކަމަށައި މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، އެކަމުގައި ގޮތެއް ނިންމަވާނީ ރައީސް ކަމަށްވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.
މަހްލޫފު ވިދާޅުވީ ފެށުނީއްސުރެ އޭނާގެ މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެ މިކަން ހިންގަނީ ސީދާ ޒާތީ ގޮތުން ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އެހުރިހާ ކަމެއް ހާމަވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި ޕީޖީގެ މައްޗަށް މަހްލޫފު ވަނީ މި މައްސަލާގައި ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.