މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއަށް ދީފައިވާ ބިމެއް އެ ކުންފުންޏަށް ނާންގައި މާލޭ ސިޓީ ކައުންސިލުން ހުސްކުރުމުގައި ނެގި ތަކެއްވާއި، އެސަރަހައްދު ވަކި ކުރުމަށް ފެންސު ޖަހަމުންދާނަމަ އެކަން ހުއްޓާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މާލޭގައި ޤާއިމުކުރައްވާ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްފަދަ ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ތިޔަ އިދާރާއިން ނަންގަވާފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށްލިބިފައިވާކަމަށެވެ.
އަދި މާލޭގައި ދެމުންދާ ބަހުގެ ޚިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަންބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން ތިޔަ ފަރާތުން ބަންދުކުރައްވާފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމާއި އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ތިޔަ މާލެ ސިޓީ ކައުންސިލާއި ޙަވާލުކުރެވިފައިވާ ބިމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯގެ ބޭނުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ތިޔަ އިދާރާއިން ނަންގަވާފައިވާނަމަ އެތަކެތި އެ ކުންފުންޏާއި ހަވާލުކޮށް ދިނުމަށާއި، އަދި އިންޑަސްޓްރިއަލް ވިލެޖްގެ 3 ނަންބަރު ކޮށީގެ ދެންނެވިފައިވާ ބިން ތިޔަ އިދާރާއިން ބަންދުކުރައްވާފައިވާނަމަ އެކަން ހުއްޓާލެއްވުމަށް ޕްލޭނިން މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލަށް އަންގާފައެވެ،
ކޮމެންޓު ފޮނުވާ