އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރީގައި، އިސްރާއީލު ސިފައިން ހަމަލާދީ ޝަހީދު ކޮށްލި، ފަލަސްތީނުގެ 38 އަހަރުގެ އިމާދު ދުވެއިކަތުގެ ޖަނާޒާގައި ހުކުރު ދުވަހު އެތައްހާސް ބަޔަކު ބައިވެރި ވެއްޖެއެވެ.
ދުވެއިކަތުގެ އަކީ 5 ކުދިންގެ ބައްޕައެކެވެ. އަދި އިސްރާއީލު ސިފައިން އޭނާ ޝަހީދު ކޮށްލިއިރު، އޭނާއަށް އެންމެ ފަހުން ލިބުނު ދަރިފުޅަށް 2 މަސް ފުރުނީ ކިރިޔާއެވެ.

ދުވެއިކަތުގެ ޖަނާޒާ ބޭއްވުމުގެ ކުރިން އޭނާގެ ހަށިގަޑުވަނީ، ނާބުލުސްގައި ހުންނަ އިރުފީދިއާ ހޮސްޕިޓަލުން، އެތައްހާސް ބަޔަކާއެކު ނާބުލުސްގެ މަގުތަކުން ފެށިގެން އޭނާ ގެއާހަމަށް ހިގާފައި ދިޔަ މީހުންނާއެކު ގެންދެވިފައެވެ. އެއީ ގޭގައިތިބި އޭނާގެ އާއިލާގެ މީހުންނަށް މޫނު ދެއްކުމަށްޓަކައެވެ.
އޭނާގެ ހަށިގަޑި މަގުތަކުން ގެންދެވުނު އިރު، ހިގާފައިދިޔަ އެތައް ހާސް ބަޔަކު ދިޔައީ، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޝުޢޫރު ފާލުކުރަމުންނެވެ. ހިގާލުމުގައި ބައިވެރިވަމުންދިޔަ މީހުން ފާޅު ކުރަމުން ދިޔައީ "އަހަރެެމެންގެ އެތައް މިލިއަން މީހުން ދާނީ ޖެރޫސެލަމްއަށް.. އަހަރެމެން މަރުވެދާނީވެސް ފަލަސްތީނަށްޓަކާ،" މިފަދަ ޝުޢޫރުތަކެވެ.

ދުވެއިކަތުއަކީ، އިސްރާއީލުން ސަބިހާ ފަރުބަދަ މަތީ ސަރަހައްދުގައި، އެގައުމުގެ ރައްޔިތުން ދިރިއުޅޭނެ ގެތައް އިމާރާތް ކުރަންފެށި ފެށުމާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަންފެށި އިހުތިޖާޖްތަކުގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލި 6 ވަނަ މީހާއެވެ.
ކޮމެންޓު ފޮނުވާ