ބަލިބައްޔާމެދު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަބަބުތަކުގައި ހިފުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވާ ރަސޫލާގެ ހިޖްރައިގެ ދަތުރުފުޅުން އިބްރަތް ހާސިލުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
"ނަބަވީ ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މިނަމުގައި މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ، މި ފެށޭ ހަފުތާއަކީ، ހިޖުރީ އާ އަހަރެއް ފެށޭ ހަފްތާކަމަށް ވާތީ ކީރިތި ރަސޫލާ ގެ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނެވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާފުޅާ މާނައެއް އޮތްކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ މަދީނާއަށް ކުރެއްވި ހިޖުރައިގައި އެތަކެއް ޢިބްރަތްތަކަކާއި، ދަރުސްތަކެއް ވާކަމަށެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރްބާން ވުމުގެ މަތިވެރި ފިލާވަޅުކަމަށާއި، އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ މީހުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި، މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ވަރަށް ގިނަ ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރްބާން ކުރައްވާފައިކަމަށެވެ. މިދަތުރުފުޅަށް މައްކާއިން ނުކުމެ ވަޑައިގަންނަވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާން ކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
އެ ބަސްފުޅަކީ "ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ ތިމަން ކަލޭގެފާނުގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު ބިމެވެ. އަދި ހަމައެހެންމެ ﷲ ހެއްދެވި ރަށްތަކުން އެކަލާނގެ އެންމެ ރުއްސަވާވޮޑިގެންވާ ރަށްވެސްމެއެވެ. ތިބާރަށުގެ އަހުލުވެރިން ތިމަންކަލޭގެފާނު ތިޔަރަށުން ނެރެނުލިނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ."
– ޚުޠުބާގައި ވިދާޅުވިއެވެ.
ހިޖުރައިން ލިބޭ އަނެއްފިލާވަޅަކީ، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާ ކަންކަން
ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި ވުންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއްކަމަކީ ހަތަރުމަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުންކަމަށާއި، މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެއްކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާގެ
ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވިކަމާއި، މައްކާގެ މުޝްރިކުން ރަސޫލާ އަވަހާރަކޮށްލަން ރާވާފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި އަވަހާރަލެއްޕެވީ ފުރާނަފުޅު ޤުރްބާންވެ ދިޔަ ނަމަވެސް ރަސޫލާ ދިފާޢު ކުރައްވައި އިސްލާމް ދީން ދިފާޢު ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.
މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވިއިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ޙަވާލުވެވަޑައިގަތީ އަސްމާ ބިންތު އަބޫބަކުރުގެފާނެވެ. އެކަމަނާ އެތަކެތި ހިއްޕަވައިގެން ވަޑައިގެން އެފަރުބަދައަށް އަރުއްވާ އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ ބިރުވެރިކަން ބޮޑު މައްކާގައި ކަންހިނގަމުން ދިޔަ ޚަބަރުތައް ރަސޫލާއާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲއެވެ. އަދި ތިންރޭވަންދެން އެބޭކަލުންގެ ދެން އެބޭކަލުންގެ އަރިހުގައި ފަތިސްވަންދެން އިންނެވިއެވެ.
– ހުކުރު ޚުޠުބާގައި ހަނދާން އައުކޮށްދެއްވިއެވެ.
އިސްވެ ދެންނެވި ސާބިތު ކަމުގައި ރަސޫލާ ވަސް ދެމިހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެ ވަޑައިގެންފައިވަނީ، މާތް ﷲ އެކަލޭގެފާނު ޙިމާޔަތްކުރައްވައި ނަޞްރު ދެއްވާނެކަންކަމަށާއި، އެގޮތުން މައްކާގެ މީހުން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތަށް ބޮޑު އިނާމު ހުށައަޅައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް ﷲ، ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަޞްރު ދެއްވިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ފަހެ އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، (ޝާﷲ، އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅުހަމަޖެހުމާއި، އަމާންކަން ﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރު ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް) އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."
– ހުކުރު ޚުޠުބާ
މިއަދުގެ ޚުޠުބާގައި ވަނީ، ބަލިބައްޔާމެދު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަބަބުތަކުގައި ހިފުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވާ، މި ވަގުތު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމަށް ޞިއްޙީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި، ދިރިއުޅުން ޢާއްމު ޙާލަތަކަށް ގެނެވޭނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަވެ، ބަލި ފެތުރުން ކޮންޓުރޯލުވާ ކަމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވާކަމަށާއި، ސަބަބުތަކުގައި ހިފުމަކީ އެއްވެސް ޙާލެއްގައި، ﷲ އާ ވަކީލު ކުރުމާ ތަޢާރުޟުވާ ކަމެއްނޫކަމަށްވެސް ވިދާޅުވިއެވެ. ރަސޫލާގެ ހިޖްރައިގެ ދަތުރުފުޅުފެއްޓެވީ ރައްކާތެރިކަމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ފިޔަވަޅެއް އަޅުއްވައިގެންކަން މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވިއެވެ.