މި ސަރުކާރުގެ ދައުރު ދެބައިމިވީ ބަލަންފެށި އެއްވެސް މައްސަލައެއް ކޮލެއްގައި ނުޖެހިކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ ސަޢީދު، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާއާއި ގުޅިގެން، އެކަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ނިންމެވުމާއި ގުޅިގެންނެވެ. ދިޔާނާ ވިދާޅުވީ، ސަރުކާރުން ބަލަން ނިންމާ މައްސަލަތަކަށްވަނީ ޚާއްޞަ މަޖިލީހުން ޤާނޫނު އަސާސީ ހަދަން އުޅުނުގޮތަށްކަމަށެވެ. އެއީ މުސާރަ ނަގަން ދިގުދެންމުންކަމަށްވެސް ދިޔާނާ ސިފަކުރެއްވިއެވެ.
ސާބަސް، ދައުރު ދެބައިމިވަނީ ބަލަން ފެށި އެއްވެސް މައްސަލައެއް ކޮޅެެއްނުޖެހި. ވިސްނާލާއިރު މިވަނީ ޚާއްޞަ މަޖިލީހުގެ ފުރަތަމަ 3 އަހަރު ޤާނޫނު އަސާސީ ހަދަން އުޅުނުގޮތަށް. ހިންގާ ޤަވާދައިދު ލިޔެލިޔެ 3 އަހަރު، އަސްލު ތިބީ މުސާރަ ނަގަން ދިގުދަންމަން. ކޮމިޝަން ތަކަށްވެސް މިވަނީ އެހެން.
– ދިޔާނާ ސަޢީދު
މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވި މައްސަލާގައި ރެގިއުލޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ)ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެެވެ. ރަސްމީކޮށް މިމައްސަލަ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވާކަމަށާއި، ނަމަވެސް މިމައްސަލަ އެ އޮތޯރިޓީއިން ބަލަމުންދާކަމުގައެވެ.
މާލެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވެސް ބުނެފައިވަނީ، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ. ސްޓެލްކޯއިން ވަނީ މީގެ ކުރިންވެސް ބިލްތަކަށް މިބަދަލު އަންނާނެކަމަށް ބުނެފައެވެ.
މި ސަރުކާރުގެ ދައުރު ދެބައިމިވީ ބަލަންފެށި އެއްވެސް މައްސަލައެއް ކޮލެއްގައި ނުޖެހިކަމަށް ވިދާޅުވެ، ދިޔާނާ ސަޢީދު ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، މިސަރުކާރުން ކޮރަޕްޝަނާއި އެނޫންވެސް ބޮޑެތި މައްސަަތައް ބެލުމަށް ގިނަކޮމިޝަންތަކެއް އުފައްދާފައިވާއިރު، އެކޮމިޝަންތަކުން ނަތީޖާއެއް ނުނެރެވޭކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ