ރިޔައްޓޭ، ފިޝާވިން، ނަޒީރާ އާއިއެކު ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅިއްޖެ

ރިޔައްޓޭ، ފިޝާވިން، ނަޒީރާ އާއިއެކު ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅިއްޖެ

އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ޒުވާން ރިޔާޒު (ރިޔައްޓޭ)، އާއި އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާއާއި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ފިޝާވިން އާއިއެކު ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ވަނީ އެޕާޓީއަށް ސޮއިކޮށްފައެވެ. ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް މިހާރު ކުރިއަށް ގެންދާ ޚާއްސަ ހަރަކާތުގެ ތެރެއިން މިރޭ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި މެމްބަރުންނަށް އެޕާޓީން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި މެމްބަރުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް ބުނެފައެވެ.

މިރޭ ޕީޕީއެމްއާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ވަނީ ގުޅިވަޑައިގެންފައެވެ. ސޮއިކުރުމަށްފަހު މިރޭ ޕީޕީއެމްގެ ޕޯޑިޔަމްގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމްއާއި ދުރަށް ދެވުނީތީ ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ. އަދި އޭނާ ވަނީ ޕީޕީއެމްއާއި ދުރަށް ދެވުނީތީ ރައީސް ޔާމީންއާއި، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިންވެސް މަޢާފަށް އެދިފައެވެ.

މުހައްމާ ވިދާޅުވީ އޭނާ ޕީޕީއެމްއާއި އަލުން ގުޅުނީ މިހާރު ވެރިކަން ކުރަމުންދާ ރައްޔިތުންނާއި ދުރު ވެރިން ވެރިކަމުން ދުރުކޮށް ރައީސް ޔާމީން އަލުން އިންތިޚާބު ކުރުމަށްކަމަށެވެ. އެމަސައްކަތުގައި ޕީޕީއެމްއިން ކުރާ ކޮންމެ ކަމެއްގައި އެންމެ ކުރީ ސަފުގައި ހުންނާނެކަމަށް މުހައްމާ ވިދާޅުވިއެވެ.

މިރޭ ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި މިޤައުމު މިއަދު އޮތް ހާލަތުން ނެގޭނެ ހަމައެކަނި ލީޑަރަކީވެސް ރައީސް ޔާމީންކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *