ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްވެ އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީ ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޑިމޮކްރެޓިކް އުސޫލުން ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށެވެ. އަދި އެ ޕްރައިމަރީގައި ޕާޓިގެ ކޮންމެ ބޭފުޅަކަށްވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޕާޓީގެ މެމްބަރުން އެބޭފުޅާ ޕްރައިމަރީން ހޮވައިދީފިނަމަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ޕާޓީގެ މަައިގަނޑު މަގްސަދަކީ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި މި ޕާޓީން ނުކުންނާނީ ސީދާ އަޅުގަނޑެއް ނޫން، ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓާ އެކު އަޅުގަނޑުމެން ނުކުންނާނީ، ދެން އަޅުގަނޑުގެ ޝައުގުވެރިކަން އެބަ އޮތް ޕްރައިމަރީގައި ވާދަ ކުރަން"
– ނާޒިމް
ނާޒިމް ވިދާޅުވީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ޕާޓީގެ ކޮންގްރެސްއާއި ހަމައަށް އެފުރުސަތު އޮންނާނެ ކަމަށާއި، ޝައުގުވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ބޭއްވޭ ޕްރައިމަރީއިން ޓިކެޓު ލިބިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކާ އެކު ވެސް ހުންނަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.