2001 ވަނަ އަހަރު ގެނެސްދިން ބްލޮކްބާސްޓާ ފިލްމް "ގަދަރް: އެކް ޕްރޭމް ކަތު"ގެ ދެވަނަ ބައިގާ ފެނިގެންދާނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައި ވާ ލޯބިކަމަށް މީޑީއާ ރިޕޯޓްތަކުން ބުނެފިއެވެ.
ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ. ނަމަވެސް އެ ފިލްމާއި މުޅިން ހިލާފަށް "ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާ ކަމަށް ފިލްމް ޕްރޮޑިއުސްކުރާ ޒީ އިން ހާމަކުރެއެވެ. ނަމަވެސް ސަނީ އާއިއެކު ފުރަތަމަ ފިލްމުގެ ލީޑުން ފެނުނު އަމިޝާ ޕަޓޭލް ފިލްމުން ފެންނާނެކަން އަދި ޔަގީނެއް ނުވެއެވެ.
އުތުކަރުޝް އަކީ "ގަދަރް: އެކް ޕްރޭމް ކަތު"ގެ ޑައިރެކްޓަރ އަނިލް ޝަރްމާގެ ދަރިފުޅެވެ. އަނިލް ޝަރްމާ އަކީ ޑިއޯލް އާއިލާގެ ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި “ގަދަރް” ގެ އިތުރުން ” ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި” އަދި “އަޕްނޭ” ފަހަގަކޮށްލެވެ އެވެ. އޭނާ މިހާރު އަންނަނީ ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެންނާނެ ފިލްމު “އަޕްނޭ-2″ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
ސަނީ މިހާރު ބޮޑު ސްކުރީނުން ފެންނަނީ ވަރަށް މަދުންނެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ "ބްލޭންކް" އެވެ. އަމީޝާވެސް ބޮޑު ސްކްރީން ފެންނަލެއް މިހާރު ވަރަށް މަދެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުގެ ފިލްމް "ބައްޔާޖީ ސުޕަރހިޓް" އިންނެވެ.