ޑިޕާއީ ބާސެލޯނާގެ ތަމްރީންތަކުގައި ބައިވެރިވާން ފަށައިފި

ޑިޕާއީ ބާސެލޯނާގެ ތަމްރީންތަކުގައި ބައިވެރިވާން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 03:04
0

މެމްފިސް ޑިޕާއީ ފުރަތަމަ ފަހަރަށް ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ބާސެލޯނާއިން ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ކުޅެމުން އަންނަ ނެދަރލެންޑްސްގެ މެމްފިސް ޑިޕާއީގެ ސޮއި ހޯދާފައިވަނީ މިމަހުގެ ތެރޭގައެވެ. ޑިޕާއީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމާއެކު އެޓީމްގެ ކޯޗް ރޮނާލްޑް ކޫމަންވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ހިލޭ ޓްރާންސްފާއެއްގައި ލިޔޯން ދޫކޮށް ޑިޕާއީ ބާސެލޯނާއަށް ސޮއިކުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

ޑިޕާއީވަނީ މީގެ ކުރިންވެސް ކޯމަންއާއެކު ނެދަރލެންޑްސްގެ ގައުމީ ޓީމްގައި މަސައްކަތްކޮށްފައެވެ. ޑިޕާއީ އަކީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި ބާސެލޯނާއަށް ގެނައި 4ވަނަ ކުޅުންތެރިޔާއެވެ. އެޓީމުންވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ޑިފެންޑަރު އެރިކް ގާސިއާ އާއި ބެޓިސްގެ ޑިފެންޑަރު އެމަސަން ގަނެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ތަމްރީން ކުރަމުންދާއިރު ޓީމްގެ ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިން ތިބީ ޗުއްޓީގައެވެ. އޭގެ ތެރޭގައި ލިއޮނަލް މެސީ އާއި މިސީޒަންގައި އަލަށް ބާސެލޯނާއާއި ގުޅުނު ސާޖިއޯ އަގުއޭރޯ ހިމެނެއެވެ.

ބާސެލޯނާއަށް އެކުލަބްގެ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ގިނަ އުދަނގޫތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ކުޅުންތެރިން ލަލީގާގައި ރަޖިސްޓްރީ ކުރުމުގައިވެސް އުނދަގޫތަކާވަނީ ކުރިމަތިލާން ޖެހިފައެވެ. ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ބާސެލޯނާއަށްވަނީ ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.