ރައީސް ނަޝީދާއި، ހަސަން އެމްޑީޕީން ވަކި ކުރަން، އެޕާޓީގެ ގޮތްޕަކުން ގޮވާލައިފި

ރައީސް ނަޝީދާއި، ހަސަން އެމްޑީޕީން ވަކި ކުރަން، އެޕާޓީގެ ގޮތްޕަކުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 02:05
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެމްޑީޕީން ވަކިކުރަން އެމްޑީޕީ ވޭމަންޑޫ ގޮފިން ގޮވާލައިފިއެވެ.

މިއީ ނަޝީދާއި ދެކޮޅަށް މިހާތަނަށް އެމްޑީޕީގެ ގޮތްޕަކުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ ވޭމަންޑު ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސްތަކަށް އިޚުތިރާމްކޮށް، އެމްޑީޕީގެ އެންމެ އިސްމީހަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމާއި، ދެވަނަ ދައުރެއްގެ ޓިކެޓް 2013 ވަނަ އަހަރު ރައީސް ނަޝީދަށް ދެއްވިފަދައިން 2023ގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށްވެސް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ގޮވާލާކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނާއި ރައީސް ނަޝީދު ކޯލިޝަން ހެދުމަށް ގޮވާލުމުން، މީގެ ކުރިންވެސް އެޕާޓީން ބައެއް މެމްބަރުން ވަކި ކުރި އުސޫލުން ރައީސް ނަޝީދުވެސް ޕާޓީން ވަކިކުރުމަށް ވަނީ ގޮވާލާފައެވެ.

ރައީސް ޞާލިހާއި ސަރުކާރަށް ތާއީދުކޮށް މިބަޔާން ނެރެފައިވާއިރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި “ނަފްރަތު” ބިލު ފާސްކުރުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަށް ތާއީދުކޮށް، އެމްޑީޕީގެ އެކި ދައިރާތަކުން އެމަނިކުފާނަށް ތާއީދުކޮށް، ސަރުކާރަށް ފާޑުކިޔައި ދަނީ ބަޔާން ނެރެމުންނެވެ.

ރައީސް ނަޝީދަށް ތާއީދުކޮށް، ބަޔާންތައް ނެރެމުންދާއިރު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް މިހާރު ތާއީދު ނެތްކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ އެކި ދާއިރާތަކުން މިފަދަ ބަޔަނާނަތައްނެރެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓުވީޓުކޮށް ހެދުމަކީ ރައީސް ނަޝީދަށް އޮތް ތާއީދު ހާމަވާކަމެއްކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކި ގޮފިތަކުން ރައީސް ނަޝީދަށް ތާއީދުކޮށް ނެރެމުންދާ ބަޔާންތަކުގައި ބުނެފައިވަނީ ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ސީޔާސީ މަގުސަދުތައް ހާސިލުކުރަން ސަރުކާރުން އިސްކަންދިނުމުގެ ބަދަލުގައި މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ މިގައުމުގެ މުސްތަގުބަލުގެ ޖީލުތަކަށްޓަކާ ކޮންމެހެންކުރާންޖެހިފައިވާ ކަމަކަށްވީހިނދު, އެމްޑީޕީއިން ވެފައިވާމިފަދަ އެންމެހާ ވައުދުތަކަށް ސަރުކާރުން އިސްކަންދޭންޖެހޭކަމަށް ރައީސް މުހަންމަދު ނަޝީދާއެކު އެދާއިރާތަކުން އިއްތިފާގުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.