މަސް މާރުކޭޓް އިމާރާތުގައި ހުރި ތަންތަން ހުސްކުރަން އަންގައިފި

މަސް މާރުކޭޓް އިމާރާތުގައި ހުރި ތަންތަން ހުސްކުރަން އަންގައިފި

Author
ޢަލީ އާދަމް
21 ޖުލައި 2021 06:51
0

މާލޭގެ ރޯމަސް މާރުކޭޓްގައި ހުރި ގިނަ ތަންތަން ހުސްކުރަން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރޯމަސް މާރުކޭޓުގެ މަތީގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން މިމަހުގެ 28 ވާ ބުދަ ދުވަހުގެ ކުރިން ހުސްކުރުމަށް އަންގާކަމަށެވެ.

މި ނޯޓިސް ދިނުމުގެ ކުރިން ސިޓީ ކައުންސިލުން ވަނީ މަސްމާރުކޭޓުގެ މަތީގައި ހިންގާ ތަންތަނުގެ މަޢުލޫމާތު ލިޔެކިއުންތަކާއި އެކު ހުށަހެޅުމަށް ވަގުތު ދީފައެވެ. އެގޮތުން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ސިޓީކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ މާރުކޭޓްގެ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރީގައި ހުރި ތަންތަނާ ހަވާލުވެ ހިންގަމުންދާ ފަރާތްތަކުން ޖުލައި 10ގެ ކުރިން ސިޓީ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ދިނުމަށާއި އެތަންތަނާބެހޭ ގޮތުން ލިބިފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ ހުށަހެޅުމަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން ބުނީ މި އިއުލާނާ އެއްގޮތަށް ރަސްމީ ލިޔުން ހުށަހަޅައި މަޢުލޫމާތު ހިއްސާކޮށްފައި ވަނީ މާރުކޭޓްގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރާ ލިސްޓޯ ފިހާރައިން އެކަނި ކަމަށެވެ.

އެހެންކަމުން މަސްމާރުކޭޓުގެ މަތީގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން 28 ޖުލައި 2021 ގެ ކުރިން، އެތަންތަނުން ނެރެ އެތަކެތި ގެންގޮސް، އެތަންތަން ހުސްކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ހުސް ނުކޮށް ހުންނަ ތަންތަނުގައި ހުންނަ ތަކެއްޗާ މެދު ގޮތް ނިންމާނީ ސިޓީ ކައުންސިލުން ކަމަށާއި ހުސްނުކޮށް ހުރެގެން މުދަލަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މަސް މާރުކޭޓްގެ މަތީގައި މާލޭގެ އެންމެ ގިނަދުވަސްވީ އެއް ހޮޓާ ހިންގަނީ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު، ސައުތު ތައުފީގުގެ ސައުތު ކޭޓަރިން އިންނެވެ. ސިޓީ ކައުންސިލްގެ މި އެންގުމުގައި ވާގޮތުންނަމަ މާރުކޭޓް ހޮޓާވެސް ހުސްކުރަން ޖެހޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.