ލޯޔަރު ވައްޑެގެ ތައުރީފު ރައީސް ޔާމީނަށް: 2023ގައި މަތީ އިންސައްތައަކުން ކާމިޔާބު ހޯއްދަވާނެ

ލޯޔަރު ވައްޑެގެ ތައުރީފު ރައީސް ޔާމީނަށް: 2023ގައި މަތީ އިންސައްތައަކުން ކާމިޔާބު ހޯއްދަވާނެ

Author
ޢަލީ އާދަމް
20 ޖުލައި 2021 03:18
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން މަތީ އިންސައްތައަކުން ކާމިޔާބުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވަައްޑެ މިހެން ވިދާޅުވީ ދެވަނަ ފަހަރަށް ޕީޕީއެމަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު ޕީޕީއެމާއި ދުރަށް ޖެހިވަޑައިގެން ރައީސް ޔާމިނާދެކޮޅަށް އޭރު މަސައްކަތްކުރެއްވި ވައްޑެ ރޭ ވަނީ ރައީސް ޔާމިނަށް ވަރަށްބޮޑަށް ތަޢުރީފުކޮށް ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ވައްޑެ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވުމުގައި، ގައުމެއް ބިނާކުރައްވައި ގައުމުގައި ފަނާކުރަނިވި ހުރިހާ ކަމެއް ދުރުކުރައްވަމުން، އެކިއެކި ބޭރު ގައުމުތަކުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކުރައްވަމުން، ދީނީ ވަހުދަތު ރައްކާތެރިކުރައްވަމުން އޭރު ގެންދެވި ގޮތް މިހާރު އަޅައިކިޔައިލީމާ ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

"ކޮންމެ ބަޔަކު، ކޮންމެ ވާހަކައެއް ދެއްކިކަމުގައިވީ ނަމަވެސް، އެމަނިކުފާނު ރީއްޗަށް ގެންގުޅުއްވައިގެން، އެމަނިކުފާނު ރީއްޗަށް މިނިވަންކުރައްވައިގެން، އެމަނިކުފާނުގެ ހިޔާލު ގެންގުޅުއްވައިގެން މިގައުމު އަދިވެސް ކުރިއަށްގެންދިއުމުގެ ޖާގަ އޮތަތީވެ، 2023 ވަނަ އަހަރުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެކަމަށްޓަކައި ގުރުބާނީތަކެއް ވެގެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށް ދަންނަވަން."

– މުޙައްމަދު ވަހީދު

ޕީޕީއެމާއި ދުރަށް ދިއުން ވައްޑެ ފާހަގަކުރީ އިސްލާހީ މަސައްކަތްތަކެއް ކުރުމަށް ނުކުތުން ކަމަށެވެ. އަދި އަނބުރައި ޕީޕީއެމާއި ގުޅުން ވައްޑެ ސިފަކުރެއްވީ އަނެއްކާ އަނބުރާ ގެއަށް ވަނުން ކަމަށެވެ.

"އެހާ ހިސާބުން އަޅުގަނޑުމެން އަނެއްކާވެސް މަސައްކަތްތަކެއް ފަށައިގަންނަ އިރުގައި ގެއަށް އައިސް ވަދެ، އެއީ ފަތްޖެހި އެނދެއްގައި ނިދަން ކަމުގައިވީ ނަމަވެސް ފަސޭހަކަމާއެކު ނިދާލެވޭނެ. އެއީ މިނިވަންކަމެއް އޮންނާތީ،"

– މުޙައްމަދު ވަހީދު

މީގެއިތުރުން އަނިޔާވެރިކަން ހުއްޓުވަން ވަޑައިގެން އަނިޔާވެރިކަން ބޮޑުވުމާއި ވައްކަންކުރުން ހުއްޓުވަން ވަޑައިގެން ވައްކަން ކުރުން އިތުރުވުމާއި އަދުލު އިންސާފު ގާއިމްކުރަން ވަޑައިގެންނެވި ބޭފުޅުންގެ އަނިޔާވެރިކަން ބޮޑުވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫންކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

ރައީސް ޔާމިނަށް މިހާރު އިއްވާފައިވާ ހުކުމަކީ ގަބޫލުކުރެވޭނެ ރަނގަޅު ހުކުމެއްކަމަށް ނުފެންނަ ކަމަށްވެސް ވައްޑެ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންގެ ތެރޭގައި ވައްޑެ ހިމެނިވަޑައިގަންނަވަ އެވެ. އަދި އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވައި، ރައީސް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެންނެވުމަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭ ވައްޑެވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަނދާން
ހާދަ ހަނދާން ބަލި ބައެކޭ ދޯ އަހަރެމެންމީ..