ހަލާދަނޑީގެ ދެކޮޅު ބަލުމަށްފަހު މިއެރީ ވޮޑޭ ތުނޑިއަށް ކަމަށް ރޭގައި ޕީޕީއެމާއި ގުޅިވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.
2019 ވަނަ އަހަރާއި ހަމައަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި އެމްޑީޕީގެ ކައުސިލަރެއްގެ ގޮތުގައި މާލޭ ސިޓީކައުންސިލްގަ އާއި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރުކުމާ ޕީޕީއެމާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވީ މަކުނު ބޯކިބާ ބަހާގޮތް ބަލަން ހިތްހަމަ ނުޖެހިގެން ބަޔަކު އުޅޭގޮތް ފެންނަމުންދާކަމަށެވެ. އަދި ދެބުޅަލުގެ ކޯޅުން ބަލަން ތިބޭކަން މިހާރު އެކަކުވެސް ބޭނުން ނުވާ ކަމަށާއި، ބޮޑު ދެގެރި ތަޅައިގެން ކަށްގަލަށް ބާރުކުރާތަން ދެކެންވެސް ބޭނުން ނުވާކަމަށެވެ.
އެހެންކަމުން ޕީޕީއެމާއި ގުޅުނީ ހަލާދަނޑީގެ ދެކޮޅު ބަލުމަށްފަހު ވޮޑޭ ތުނޑިއަށް އެރުމަށް ކަމަށް ރުކުމާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރުކުމާއާއި އެކު އިތުރު ގިނަބަޔަކު އެމްޑީޕީގެ މިހާރުގެ ފިކުރާމެދު ހިތްހަމަ ނުޖެހި، ޕީޕީއެމްގެ ޓީމާ ކުރިއަށްއޮތްތަނުގައި ގުޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކު؟ ދެބުޅަލުގެ ކޯޅުމާއި ދެބޯގެރި އަޑުއަހަން އަދި ބޮޑު ދެގެރި ތަޅައިގެން ކަށްގަލަށް ބާރު ކުރާއިރު ގުނބޯ ނެއްޓިފަ ހުންނާނީ ކާކު؟
ހަލާދަނޑީގެ ދެ ކޮޅު ބަލުމަށްފަހު ވޮޑޭ ތުނޑިއަށް މި އެރީއެވެ. عيد مبارك pic.twitter.com/qC8tSHoze1— ރުކުމާ (@RukumaA) July 19, 2021
އަޙްމަދު އަބްދުލްކަރީމް، ރުކުމާއަކީ މީގެކުރިން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރުކުމާގެ ވާހަކައި ގައި އަލިއަޅުވާލާފައި އެވަނީ މިހާރުގެ ސަރުކާރުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ އެންމެ އިސް ލީޑަރު ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ މައްޗަށެވެ.
ރުކުމާ އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަތް މައިގަނޑުއެއް ސަބަބަކީވެސް 2019 ވަނަ އަހަރުގެ މަޖިލީހުގެ ޕްރައިމަރީގައި ހިނގާދިޔަ ކަންތައްތަކަށް ފަހު ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ޢަމަލުފުޅުތަކާއިމެދު ހިތްހަމަ ނުޖެހުމެވެ.
ކޮމެންޓު ފޮނުވާ