ސިޔާސީ ފައިދާއަށްޓަކައި ޗައިނާއާއި އޮތްގުޅުން ހީނަރުވުމުން ތަރައްޤީއަށް ވަނީ ހުރަސް އެޅިފައި ކަމުގައި ޕީ.އެން.ސީގެ ނާއިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ދެކުނު އޭޝިޔާގެ ޒުވާން ސިޔާސީ ލީޑަރުންގެ 6 ވަނަ ފޯރަމްގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން، ވާދަވެރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނާއިބު ރައީސް އަދި ޚާރިޖީ ސިޔާސަތާބެހޭ ޑިޕާޓްމަންޓް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މުންދު ބައިވެރިވެ ދެއްކެވި ވާހަތަކުގެ ތެރޭގައި ސަރަހައްދީ ގުޅުންތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދޭދޭ ޤައުމުގެ ދެމެދުގައި ހުރި ނުތަނަވަސްކަން ނައްތާލުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފއިވާކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ވެއެވެ.މީގެ އިތުރުން، ރޮހިންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާމެދު ރާއްޖެއިން ދެކޭގޮތާއި، އަޅާފައިވާ ފިޔަވަޅުތަކާމެދު ވާހަކަ ދައްކަވާފައިވާކަމަށެވެ.
މިފޯރަމްގައި މުންދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ޗައިނާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމެއްކަން ފާހަގަކުރައްވާ، ސިޔާސީ ފައިދާއަށްޓަކައި އެކަމުގެ ޙަޤީޤަތް އޮޅުވާލަން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން، އަވަށްޓެރި އިންޑިޔާއަށް ޝައްކާއި ވަޙުމު ވަދެ، ރާއްޖޭގެ ކުރިމަގަށް ބުރޫއަރާފަދަ ތަފާތު ކަންތައްކަތެއް ކުރަމުންދާކަން އެމަކުރައްވާފައިވާކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ވާރޗުއަލްކޮށް ބޭއްވުނު މިފޯރަމްގައި އެމަނިކުފާނު ވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިމަގުގައި އެޅިދާނެ ބައެއް މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ސަރަޙައްދީ ޖަމްއިއްޔާ ސާކްގެ ތެރެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވާ، މުންދު ވަނީ މިސަރަޙައްދުގެ ޤައުމުތަކުގެ ދެމެދުގައި ހުރި ތަފާތުތައް ދެނެގަނެ، އެކަމުގެ އަލީގައި ކުރިއަށް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
މިފޯރަމްގައި ބައިވެރިވެވަޑައިގެން ބޭފުޅުންގެ ތެރޭގައި، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކައުންސިލް މެންބަރު އަދި ތަރުޖަމާނު ބްރިސްޓަރ މިއަން އާމިރު ޙަސަން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޚާރިޖީ ކަންކަމާބެހޭ ކޮމިޓީގެ މެންބަރު އަދި ޕާޓީގެ ކައުންސިލް މެންބަރު ބެރިސްޓަރ މީރް ޙިލާލް، އަފްޣާނިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޒުވާނުންގެ މަންދޫބު މިސް ޝްކުލާ ޒާދްރަން ހިމެނިވަޑައިގެންނެވިއެވެ. ދެކުނު އޭޝިޔާގެ އެކިއެކި ޙައްސާސް މައްސަލަތަކާމެދު ބަހުސްކުރެވުނު މިފޯރަމް ވަނީ ފޭސްބުކް މެދުވެރިކޮށް އިންތިޒާމުކުރި ފަރާތުން ވަގުތުން ގެނެސްދީފައެވެ.
ކޮމެންޓު ފޮނުވާ