"ލަވް ބާޑް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖޯޑު، ޓީވީ އެކްޓަރ ދިޝާ ޕަރްމަރް އާއި ލަވަކިއުންތެރިޔާ ރާހުލް ވިދްޔާ ކައިވެނިކޮށްފި އެވެ.
މުމްބާއީގައި ހުކުރު ދުވަހު މި ދެމީހުން ކައިވެނި ކޮށްފައިވަނީ ހަމައެކަނި އާއިލާމީހުންނާއެކު ކުޑަކުޑަކޮށް ބޭއްވި ހަފްލާއެއްގައި އެވެ.
އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކުރިއަށް ގެންދިއަ މި ކައިވެނީގައި ދިޝާ ފެނިގެން ދިއައީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އޭނާ ހުރީ އަބޫޖާނީ އަދި ސަންދީޕް ކައުސްލަސްގެ ހެދުމެއްގައި އެވެ. މި ކަލެކްޝަންއަށް ދީފައިވާ ނަމަކީ ޑާންސިންގ ޕީކޮކް އެވެ. ދިޝާގެ ހެދުމާއި ގުޅުވައިގެން ރާހުލް ވެސް ހުރީ މި ކަލެކްޝަންގެ ޝޭރުވަނީއެއްގައި އެވެ.
ދެ އަހަރުގެ ލޯބީގެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހާލި މި ޖޯޑަށް އަންނަނީ ފިލްމު އިންޑަސްޓްރީގެ މީހުން މަރުހަބާ ކިޔަމުންނެވެ. ކައިވެންޏަށް ފަހު މި ދެމީހުންވަނީ ޕަޕަރާޒީންނާއި ބައްދަލުކޮށް ފޮޓޯ ނެގުމުގެ ހުއްދަވެސް ދީފައިއެވެ.
ބިގްބޮސް 14 ގައި ވާދަކުރި ރާހުލް އަކީ ލަވަކިއުންތެރިއެކެވެ. އޭނާގެ ކެރިއަރު ފާށާފައިވަނީ "އިންޑިއަން އައިޑަލް" ސީޒަން އެކަކުން ނެވެ.
ދިޝާ އަކީ އާންމުންގެ މެދުގައި މަގުބޫލް ޓީވީ ތަރިއެކެވެ. އޭނާ ކެރިއަރު ފާށާފައިވަނީ ޑްރާމާ ސިލްސިލާ "ޕިޔާރްކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ" އިންނެވެ. މިހާތަނަށް އޭނާ ވަނީ މަގުބޫލު ގިނަ ޑްރާމާ ތަކަކުން ފެނިގެން ގޮސްފައި އެވެ.
ކޮމެންޓު ފޮނުވާ