20 ޕާކިން ސްޓިކާއާއި އެކު ލައިސަންސް ބާތިލްވާގޮތް ހަދައިފި

20 ޕާކިން ސްޓިކާއާއި އެކު ލައިސަންސް ބާތިލްވާގޮތް ހަދައިފި

Author
ޢަލީ އާދަމް
16 ޖުލައި 2021 08:16
0

ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް، ލައިސަންސް ބާތިލް ކުރެވޭނެ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ގެޒެޓް ކޮށްފި އެވެ.

އަލަށް އަމަލުކުރަން ފަށާފައިވާ ގަވައިދުގައި ވާގޮތުން ކޮންމެ ލައިސަންސް ކާޑަކަށް ވަނީ 100 ކްރެޑިޓް ޕޮއިންޓް ހަމަޖައްސާފަ އެވެ. އަދި ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން 5 ޕޮއިންޓް އުނިކުރާ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މިގޮތަށް ޕޮއިންޓް އުނިކުރަމުންގޮސް ޕޮއިންޓް ހުސްވުމުން ލައިސަންސް ބާތިލް ވާނެއެވެ.

މީގެ ކުރިން ލައިސަންސް ހިފެހެއްޓުމާއި ބާތިލް ކުރުން ފަދަ ފިޔަވަޅުތައް އަޅަނީ ނުރައްކާތެރިކޮށް ދުއްވުން ފަދަ ހާލަތްތަކުގައި އެކަންޏެވެ. ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން، ކުރަނީ ހަމައެކަނި ޖޫރިމަނާ އެވެ.

ޕާކިން ވަޔަލޭޝަންގެ އިތުރުން ދެން ލައިސަންސުން ޕޮއިންޓް ކެނޑޭނެ އަދަދު ތަކަށް ބަލާއިރު، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެ ކަމަށާއި އެފަދަގޮތަކަށް ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕޮއިންޓް އުނިވާނެ ކަމަށް އައު ގަވައިދުގައި ވެއެވެ.

މީގެ އިތުރުން ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. މީގެ އިތުރުންވެސް ލައިސަންސުން ޕޮއިންޓް ކެނޑޭނެ ގޮތްތައް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

މިގޮތަށް ޕޮއިންޓް އުނިވަމުންގޮސް 100 ޕޮއިންޓް ހުސްވުމުން ލައިސަންސް އޮޓަމެޓިކުން ބާތިލްވާނެ ކަމަށް ގަވައިދުގައި ވެއެވެ. މިގޮތަށް ލައިސަންސް ބާތިލްވެއްޖެ ނަމަ، އެ މީހަކަށް އާ ލައިސަންސެއް ލިބޭނީ 180 ދުވަސް ފަހުން ކަމަށާއި އަދި އާ ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށް ވެސް އެ ގަވައިދުގައި ބުނެފައި ވެއެވެ.

މި ގަވާއިދުގައި، ޖޫރިމަނާ ކުރެވޭނެ އަދަދުތަކާއި ލައިސަންސް ހިފެހެއްޓޭނެ ހާލަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންޕަ
މި އީ ހާދަ ގޮތެއްނެތް ބަޔެކޭ، ދެ އަދަބެއް ނުދެވޭނެ، ޖުރިމާނާ ކޮއްފަ، ލައިސަންސް ކެންސަލް ނުކުރެވޭނެ، އެހެންނޫނަސް ވެހިކަލް މަގުމަތިވެސް ބޭނުންކުރަން އެނުއަލްފީ ނަގާ، ދެންބަޔަކައް އުނދަގޫނުވާގޮތައް ޕާކިންތަނެއްގަ ސައިކަލް ހުއްޓަސް ގޮސް ޓޯޗް އަކުން އަލިކޮއްގެން ފީތާ އަޅައިގެން ވެސް އިސްޓިކާޖަހަނީ އޭ، ދެންމީހުން ހަނާވެގެން ހޯދާ ލައިސަން އާ ބެހިމުގެ ކޮން ހައްގެއް މި ބައިގަޑައް އޮތީ
ހ ހަމީދު
ތީހައްތާވެސް ނިކަމެތިން ބާނަން ކުރާމަސައްކަތްތައް ޕާކްކުރާނެ ތަނެއްނެތަސް ހެޔޮ ޖޫރިމަނާ ކުރެވޭނެ ހުއްދައޮވެގެ މެނުވީ އަނބިމީހާއާއި ޖިމާޢުވެސް ނުވެވޭ ގޮތަން ހަދާނެ އަދި ތިހެންދަމުންގޮސް ބަލަގަ ދުނިޔޭގެ އެންތަންތާ ސްޓިކާ ޖަހަނީ ޕާކިން ޒޯނާއި ކަންތައްތަ ފުރިހަމަކުރުމައްފަހު މިމީހުންމިބަލަނީކޮންމެގޮތެއް ހަދައިގެންވެސް ނިކަމެތިމީހާ ކުލިތައް ދައްކަންއޮންނަ ލާރިފޮތިވެސް ޖަހައި ގަނެވޭނެގޮތެއް ސާބަސް ތިފަދަ އޯގާތެެެރިކަމެއް ބަހައްޓާތީ