ފެމިލީ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
"އަބްދުﷲ ގާޒީ" ގޮތުގައި، މުޅި ރާއްޖެ އަށް މަޝްހޫރުވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ޖޭއެސްސީން ބަލައި ނިންމިއިރު، ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އޭނާ ދާދި ފަހުން ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ފެންމަތިވެފައިވާ ކަމަށް އެނގިފައިވެއެވެ. އެކަމަކު ޖޭއެސްސީން ބެލީ ސީދާ އެ މައްސަލަ ކަމެއް އަދިއެއް ނޭނގެއެވެ.
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންދުކޮށްގެން އާ ރަށުގައި ގެންގުޅުއްވިއެވެ. އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލަ ދައުވާ އުފުލާ 13 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުން ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންްނެވި ދުވަސްވަރުއެވެ.
އަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއް ކަމަށް އެއް ބަޔަކު ބުނެއެވެ.
ކޮމެންޓު ފޮނުވާ